ޚަބަރު

ކުރީގެ އެކްޓިން ސީޕީ ނަވާޒު ގަލޮޅުދެކުނު ދާއިރާއަށް ކުރިމަތިލައްވަނީ

ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު، އަބްދުﷲ ނަވާޒު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފައިވާ ކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ނަވާޒު މަޖިލީހަށް ކުރިމަތިލައްވަން ނިންމަވައިފައިވާ ކަމުގެ އަޑުތަކެއް މި ފެތުރުނީ އޭނާ ރޭ ޖުމުހޫރީ ޕާޓީއަށް ސޮއިކުރައްވައިފައި ވަނިކޮށެވެ.

މި ކަމާ ގުޅޭ ގޮތުން "ވަން އޮންލައިން"އިން ސުވާލު ދެންނެވުމުން ނަވާޒު މިއަދު ވިދާޅުވީ އެ ދާއިރާއަށް ކުރިމަތިލެއްވުމުގެ ވިސްނުން އެބަ ހުރި ކަމަށާއި އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އާދެ! އަޅުގަނޑު ތިކަމާ ވިސްނަމުން މިދަނީ. އަޅުގަނޑު ވާނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް އެފުރުސަތު ދެއްވުން އެދި ދަންނަވާފައި. ފުރުސަތު ލިބިއްޖެ ނަމަ އެކަމަށް މަސައްކަތް ކުރާނަން." ނަވާޒު ވަން އޮންލައިން އަށް ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ގަލޮޅު ދެކުނު ދާއިރާ އަކީ އޭނާގެ އުފަން ދާއިރާ ކަމަށާއި އެ ދާއިރާގައި އޭނާގެ އާއިލާ ބޮޑުވެފައި ރައްޓެހީން ގިނަ ކަމަށެވެ.

ޖުމުހޫރީ ޕާޓީއަށް ނަވާޒު ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ރޭގެ ޖަލްސާގައި ގާސިމް ވަނީ މިހާރުގެ ސިޔާސީ މަސްރަހާ ގުޅޭ ގޮތުން ވަރަށް ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވައިފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވައިފައި ވެއެވެ.