ހުޅުމާލޭގައި މާރާމާރީއެއް ހިންގައި 18 އަހަރު ނުވާ ދެ ކުޑަކުދީންނަށް އަނިޔާވެއްޖެ އެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލޭގައި މާރާމާރީއެއް ހިނގައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ދެ ކުދީންނަށް މިހާރު ފަރުވާ ދެމުން ގެންދާއިރު، އާސަންދަ ކޮމްޕެނީން ބުނީ އެ ދެ ކުދީންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު 12:10 ހާއިރު ކަމަށެވެ.
އެ ދެ ކުދީންނަކީ ވެސް އުމުރުން 17 އަހަރުގެ ދެކުދީން ކަމަށް އާސަންދައިން ބުންޏެވެ.
އެތަނުން އެއް ކުއްޖަކީ ގދ. ރަތަފަންދޫއަށް ނިސްބަތްވާ ކުއްޖެއް ކަމަށާއި، އަނެއް ކުއްޖާ އަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ކުއްޖެއް ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.
އާސަންދައިން ބުނީ ރަތަފަންދޫ އަށް ނިސްބަތްވާ ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް އީއާރުން ފަރުވާ ދެމުން ގެންދާ ކަމަށެވެ.
އަދި އަނެއް ކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ ޑްރެސިން ރޫމުގައި ކަމަށް އާސަންދައިން މައުލޫމާތު ދިނެވެ.