ޚަބަރު

ސަރުކާރު ހިފެހެއްޓޭނީ އެންމެން ގުޅިގެން: ޝައިޚު އަލީ ޒައިދު

އިބްރާހިމް ޒަކީ

ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރު ހިފެހެއްޓޭނީ އެންމެން ގުޅިގެން ކަަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެ އެވެ.

ޒައިދު، މިއަދު ކުރެއްވި ޓްވީޓެއް ގައި ވިދާޅުވެފައި ވަނީ، އެއްވެސް ބަޔަކު އަމިއްލަ އެދުން އިސް ނުކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އެންމެން ވެސް ގުޅިގެން ޖަމާއަތުގެ ތެރޭގައި ތިބުމީ އެންމެނަށްވެސް އެންމެ މަސްލަހަތު ބޮޑު ގޮތްކަމަށްވެސް ޝެއިހު ވިދާޅުވެފައިވެ އެވެ.

ޝެއިހު މިހެން ވިދާޅުވެފައި މިވަނީ، ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙް ސަރުކާރުގެ ކޯލީޝަންގައި ހިމެނި ވަޑައިގަންނަވާ، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައި ވަނިކޮށެވެ.

ގާސިމް، ރައީސް ނަޝީދަށް ބަހުގެ ހޫނު ހަމަލާ ތަކެއް ދެއްވީ ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ޖުމުހޫރީ ޕާޓީއަށް ސޮއިކުރުމަށް ޓަކައި ޖޭޕީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް ނަޝީދުގެ ނަން ސީދާ ވިދާޅު ނުވެ ގާސިމް އިބްރާހީމް ރޭ ވިދާޅުވީ، އެކެއްގެ އަތް މަތީގައި ދައުލަތުގެ ހުރިހާ ބާރުތައް އޮތުމާ ދެކޮޅަށް އިއްޔެ އާއި ހަމައަށް ވަކާލާތުކޮށްފައި އެމީހެއްގެ ކޮންޓްރޯލުގެ ދަށަށް ހުރިހާ ބާރެއް ގެންނަން މިއަދު ނުކުމެ މަސައްކަތް ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ގާސިމް ވިދާޅުވީ މާޒީގައި ކަންކަން ހިނގައި ގޮސްފައިވާ ގޮތަށް ބަލާ އިރު އެކެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ދޫކޮށްލުމާ ރައްޔިތުން އަބަދުވެސް ދެކޮޅުކަން އެނގޭ ކަމަށާއި މިއަދުވެސް ރައްޔިތުން ތިބީ އެގޮތުގައި ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.