ޚަބަރު

ދަރިފުޅު ގޮވައިގެން ބައްޕަ ފިލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ގއ. ކަނޑުހުޅުދޫގައި ބައްޕައަކު އޭނާގެ ދަރިފުޅު ގޮވައިގެން ފިލައިގެން ފުވައްމުކަމަށް ދިޔަ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ އިއްޔެ ހަވީރު އެފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ކުއްޖާ ގޮވައިގެން ބައްޕަ އިއްޔެ ހަވީރު ކަނޑުހުޅުދޫން ފުރައިގެން ދިޔަކަން އެނގުނީ ގޭގައި ބާއްވާފައި އޮތް ނޯޓެއް ފެނިގެން ކަމަށް، ބައެއް މީޑިއާތަކަށް އެކުއްޖާގެ މަންމަގެ އާއިލާއިން ވަނީ މައުލޫމާތު ދީފަ އެވެ.

އަދި ކުރިން އެ ދެމަފިރިން އުޅެމުން ދިޔައީ ފުވައްމުލަކުގައި ކަމަށާއި، ފިރިހެންމީހާ އަނިޔާ ކުރާތީ ކެތް ނުކުރެވިގެން އަންހެންމީހާ ކަނޑުހުޅުދޫއަށް ބަދަލުވުމުން ފިރިހެންމީހާ އެރަށަށް އައިސް އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް އަންހެންމީހާގެ އާއިލާއިން ވަނީ ކިޔައިދީފަ އެވެ. ނަމަވެސް 33 އަހަރުގެ ފިރިހެންމީހާގެ އާއިލާއިން ވަނީ އެކަން ދޮގު ކޮށްފަ އެވެ.

ފިރިހެންމީހާގެ އާއިލާގެ ފަރާތުން ބުނެފައިވަނީ، ފިރިހެންމީހާ ދަރިފުޅު ގޮވައިގެން ފުވައްމުލަކަށް ދިޔައީ ރަނގަޅަށް ކަމަށެވެ. އަދި އެ ފިރިހެން މީހާ ބޭނުންވަނީ ކުއްޖާގެ މަންމައާއެކު، ކުއްޖާ ގެންދަން ކަމަށާއި އާދޭސްކޮށްގެން ވެސް ކުއްޖާގެ މަންމަ ފިރިހެންމީހާއާ އެކު ފުވައްމުލަކަށް ނުދިޔައީކަމަށްވެސް ބުނެފައިވެއެވެ.

ކަނޑުހުޅުދޫ ކައުންސިލުގެ ރައީސް އަހުމަދު ޝަހީމްއާ ހަވާލާދީ ބައެއް މީޑީޔާ ތަކުގައި ބުނެފައިވަނީ، ކުއްޖާގެ ބައްޕަ ކުއްޖާ ގޮވައިގެން ދިޔައީ އަނބިމީހާއަށް އަނިޔާވެސް ކޮށްފައި ކަމަށެވެ.

ނަމަވެސް ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އާއި ނާއިބުރައީސްއާ ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނު ނުނެންގެވުމުގެ ސަބަބުން މި މައްސަލައާބެހޭ އިތުރު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.