ޚަބަރު

ގއ. ވިލިނގިލި އާންމު ހާލަތަށް ގެނެސްފި

އަލީ އަފާފު ރަމީޒު

ގއ. ވިލިނގިއްޔަށް އިއުލާންކޮށްފައިވާ މޮނީޓަރިންގެ ހާލަތު މިއަދު އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.

ވިލިނގިލި މޮނީޓަރިންގެ ހާލަތަށް ގެނައީ ގއ. ދެއްވަދޫ ކޭސްއާ ގުޅިގެން އެރަށުން ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެރަށުން ދެ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް ނެތުމުން، މިއަދުން ފެށިގެން އެރަށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ދެއްވަދޫން ފުރަތަމަ ޕޮޒިޓިވް ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އެ ދުވަހު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެއެވެ. ނަމަވެސް ދެއްވަދުއަށް ބަލި ފެތުރުނު ގޮތް އަދި ހޯދިފައިނުވާ އިރު، އެރަށުގައި ކުރީއްސުރެ ވެސް ބަލި ފެތުރެމުންދިޔަ ކަމަށް ބެލެވޭ ކަމަށް އެޗްއީއޯސީން ބުނެއެވެ.

ދެއްވަދޫ ކްލަސްޓާއާ ގުޅިގެން އެ ރަށުން 59 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ކްލަސްޓާއާ ގުޅިގެން ލ. ފޮނަދޫއިން ހަތަރު މީހަކު ހުޅުމާލެއިން ދެ މީހަކު، ދާންދޫއިން ހަ މީހުން އަދި ވިލިނގިލިން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ.