ޖަޕާނުން ރާއްޖެއަށް ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެތަކެތި ޖަޕާނުން ހެލްތު މިނިސްޓްރީއާ ހަވާލުކޮށްދެއްްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކިއޭކޯ ޔަންނާއިއެވެ. އެތަކެއްޗާ މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއެވެ.
ޖަޕާނު ސަރުކާރުން ވަނީ 5.6 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ރާއްޖެއާއެކު މިދިޔަ އަހަރުގެ ޖޫން މަހުގައި ސޮއިކޮށްފައެވެ.
ޖަޕާނުން ބުނީ، މިއަދު ހަދިޔާކުރި ތަކެތި ބޭނުންކުރާނީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމާއި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި ކޮވިޑާ ދެކޮޅަށް ހުރި ވަސީލަތްތައް އިތުރުކުރުމަށް ކަމަށެވެ. ކޮވިޑާ ގުޅިގެން މީގެ ކުރިންވެސް ޖަޕާނުން ވަނީ ރާއްޖެއަށް ދީލަތި އެހީތަކެއް ވެފައެވެ.