ޚަބަރު

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއާއި ޔޫއޭއީއާ ދެމެދު އެއްބާރުލުން އިތުރުކުރަން އެއްބަސްވެއްޖެ

އަހުމަދު ޖައިޝަން

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެމެދު އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެގައުމުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އަބޫ ދާބީގައި ހުންނަ ނޭޝަނަލް އެގްޒިބިޝަން ސެންޓަރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ. އަދި ޔޫއޭއީ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެގައުމުގެ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ޡާނީ އަލް ޒަޔޫދީއެވެ.

އެ އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި އިއާދަކުރުނިވި ހަކަތައިގެ ދާއިރާއިން ސިޔާސަތު އެކުލަވާލުމުގައި ތަޖުރިބާ އާއި ސައިންޓިފިކް އަދި ޓެކްނޮލޮޖިކަލް މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށް އެންވަޔަރަންމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ އެއްބަސްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ޔޫއޭއީއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެކެވެ.