ޚަބަރު

އިންޑިއާ އިން ފެށި ކޮވިޑް ވެކްސިން ކެމްޕޭނަށް ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އަލީ ޔާމިން

ކޮވިޑް-19އާ ދެކޮޅަށް އިންޑިއާ އިން ފެށި ވެކްސިން ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް މަރުހަބާ ވިދާޅުވެ، ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްްގައި ވިދާޅުވީ، އިންޑިއާގައި ކޮވިޑާ ދެކޮޅަށް ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމަކީ ކާމިޔާބު ވެކްސިން ޕްރޮގްރާމަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަން ނިމުމަކަށް އަންނަތަން ފެންނަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިންޑިއާ އިން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާއިރު، އެންމެ ފުރަތަމަ ވެކްސިން ދީފައިވަނީ ވެރިރަށް ދިއްލީގެ ސެނިޓައިޒް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މާނިޝް ކުމާރަށެވެ.

އަންނަ އޮގަސްޓު މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމުގެ އަމާޒާއެކު އިންޑިއާ އިން ފެށި ކޮވިޑު ވެކްސިން ކެމްޕެއިންގެ ދަށުން ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ 50 މިލިއަން މީހުންނަށެވެ. އެއަށްފަހު ފުލުހުންނާއި ސިފައިންގެ އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދޭނެ އެވެ.