ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކަޓަރު އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނީން ބުނީ މި މަސައްކަތުގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ ދަރަނބޫދޫ ބަނދަރު ތަރައްގި ކުރުމުގެ މުޅި މަޝްރޫއުގެ 38 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާއިރު، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް އިއްޔެ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.
މި މަޝްރޫއުގެ ދަށުން، 38،600 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 2500 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.