ޚަބަރު

އިމާރާތް ކުރުމުގެ ކަންކަން ހަރުދަނާކުރުމަށް 13 ކަމެއް ކުރަން އަންގައި ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރު ކޮށްފި

މަރިޔަމް ޝަހުދާ

އިމާރާތް ކުރުމުގެ ކަންކަން ހަރުދަނާކުރުމަށް 13 ކަމެއް ކުރަން އަންގައި ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް އަމުރު ކޮށްފި އެވެ.

ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ ވިޝާމް އެންޑް އެލްއެލްޕީ، ރިޒާ، ޝަފްނީޒް އެންޑް ކޯ އަދި އިތުރު ފަސް ފަރާތަކުން ދައުލަތާއި ދެކޮޅަށް ސިވިލް ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ. މި ފަރާތްތަކުން މި ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރު އިމާރާތް ކުރަމުން އައި ގެއެއްގެ މަތިން ބަސްތާއެއް ވެއްޓި ލިބުނު ޒަހަމްތަކުގެ ސަބަބުން ކުޑަ ކުއްޖަކު ނިޔާވުމާ ގުޅިގެނެވެ.

މިކަމާ ގުޅޭގޮތުން މި މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުން ވަނީ މި މައްސަލަ ނިމުނު ގޮތުގެ ނޫސް ބަޔާނެއް އާންމުކޮށްފައެވެ. މި ނޫސްބަޔާނުގައިވާ ގޮތުގައި ސިވިލް ކޯޓުން ވަނީ މިއަދު މި މައްސަލައަށް ހުކުމް ކޮށްފައެވެ. އެގޮތުން މި މައްސަލައިގެ ދަށުން ސިވިލް ކޯޓުން ވަނީ އިމާރާތްކުރުމުގެ ގާނޫނުގެ 95ވަނަ މާއްދާގެ ދަށުން ދައުލަތުން ހަދަންޖެހޭ ގަވައިދުތައް ހަދައި، ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އާބަން ޑިވަލޮޕްމަންޓަށް އަންގައި ހުކުމްކޮށްފައެވެ. މި ހުކުމުގައިވާ 13 ކަމަކީ އަދި އެ 13 ގަވައިދު ދައުލަތުން ހަދާ ގެޒެޓް ކުރުމަށް ސިވިލް ކޯޓުން ދީފައިވާ މުއްދަތަކީ؛

- އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު - 31 ޖަނަވަރީ 2019 ގެ ކުރިން

- އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދު - 3 މާޗް 2019 ގެ ކުރިން

- ޕްލޭނިންގ ގަވައިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު - 10 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމާ ބެހޭ އިދާރީ ގަވާއިދު - 12 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމާއަތްތަކުގެ ގަވާއިދު - 17 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދު - 24 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު - 31 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވައިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފު ކުރުމުގެ ގަވާއިދު - 31 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވާއިދު - 31 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމުގެ މަސައްކަތަށް ބޭނުންކުރާ ތަކެއްޗާއި ތަކެތި ޓެސްޓްކުރާ ފަރާތްތަކުގެ ގަވާއިދު - 31 މާޗް 2019 ގެ ކުރިން

- އިމަރާތްކުރުމަށް ބޭނުން ކުރާ ތަކެތި ޓެސްޓު ކުރުމުގެ ގަވާއިދު - 31 މާޗް 2019 ގެ ކުރިން

- އިމާރާތްކުރުމުގެ ފަންނީ އަދި ޓެކްނިކަލް ދާއިރާތަކުގެ އިލްމީ ޕްރޮގްރާމްތަކުގެ ގަވާއިދު - 31 މާޗް 2019 ގެ ކުރިން، އަދި

- ބިލްޑިންގ ކޯޑު - 31 މާޗް 2019 ގެ ކުރިންނެވެ.

މިދިޔަ އަހަރުގެ ފަހު ކޮޅު އިމާރާތަކުން ބޯމައްޗަށް ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު އަނިޔާގައި ކުޑަ ކުއްޖަކު މަރުވެފައިވާ އިރު، އޭގެ ފަހުންވެސް އެކި އިމާރާތުން މަގުމައްޗަށް އެއްޗެހި ވެއްޓުމުގެ ސަބަބުން އެކި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފައެވެ. މީގެ އިތުރުން ސިޓީ ކައުންސިލާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވަނީ މާލޭގައި ހުރި އެކި އިމާރާތްކުރުމުގެ މަސައްކަތް ކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ވެސް ބަލައިފައެވެ.