ޚަބަރު

ގައުމުގެ ހާލަތު ބަދަލު ކުރެވޭނީ އާ ދިރުމެއްގައި ތެދުވަން ކެރިގެން: މިނިސްޓަރު ޝާހިދު

2

ރާއްޖޭގެ އަދުގެ ހާލަތު ބަދަލު ކުރެވޭނީ އާ ދިރުމެއްގައި ކެރިގެން ތެދުވެގެން ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޅެންވެރިންގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިއަހަރުގެ ޅެންވެރިންގެ ދުވަހުގައި އައްނަބީލާ އަލްމަރުހޫމާ ފާތިމަތު ސައީދުގެ ޒިކުރާ އާކުރަމުންދަނީ ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ތަޖުރިބާ ކުރި ހިތްދަތިކަމާއި ބުރަތަކާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ހިތްވަރު މި ދިވެހި ގައުމުގައި އޮތްކަން ސާބިތުކޮށްދެމުން ކަމަށެވެ.

އެގޮތުން އަންނަބީލާ ފާތިމަތު ސައީދު އެތައް އަހަރެއް ކުރިން ހައްދަވާފައިވާ ޅެމުގައި ވާގޮތަށް މިއަދު އަޅުގަނޑުމެން އަމަލު ކުރަންޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު މިތިބި ހާލަތުން އެހެން ހާލަތަކަށް ބަދަލު ކުރެވޭނީ މި ޅެމުގައިވާގޮތަށް އަޅުގަނޑުމެން އާ ދިރުމެއްގައި ތެދުވަން ކެރިގެން، އެމަގު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އެ ގެންދަވަނީ ދައްކަވަމުން. އައްނަބީލާ ފާތިމަތު ސައީދުގެ ޒިކުރާ މިއަދު އާކުރަމުން މިދަނީ 2020 ވަނަ އަހަރު ތަޖުރިބާކުރި ހިތްދަތިކަމާއި ބުރަތަކާއި ގޮންޖެހުންތަކުން އަރައިގަނެވޭނެ ހިތްވަރު މި ދިވެހި ގައުމުގައި އޮތްކަން ސާބިތުކޮށްދެމުން،" މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މިއަހަރުގެ ޅެންވެރީންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތެދުވާށެ އަލުން އާ ދިރުމެއް ދޭނެ ގޮތެއްގައި..." މިއެވެ. މިއީ ޅެންވެރިކަމުގެ ބަގީޗާގައި ނަރުގިސްމަލުގެ ނަމުން ނަން ދީފައިވާ އައްނަބީލާ ފާތިމަތު ސައީދުގެ "އޭ ދިވެހި ގައުމާއެވެ!" މި ސުރުހީއަށް ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ފުރަތަމަ މިސްރާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟