ޚަބަރު

ދޫނިދޫ ޖަލުގައި މަރުވި މީހާގެ އޯޓޮޕްސީއެއް ހެދުމަށް އާއިލާއާ މަޝްވަރާކުރަން ފުލުހުން އެދިއްޖެ

މަރިޔަމް ޝަހުދާ

މިއަދު ދޫނިދޫ ޖަލުގައި މަރުވި އަންހެން މީހާގެ އޯޓޮޕްސީއެއް ހެދުމަށް އާއިލާއާ މަޝްވަރާކުރަން އެދިފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދުގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުރި 23 އަހަރުގެ އަންހެނެއް މަރުވި މައްސަލައާ ގުޅޭގޮތުން ފުލުހުން އާންމުކޮށްފައިވާ ބަޔާނުގައި ފުލުހުން ބުނީ އެ އަންހެން މީހާއަށް ލިބެންޖެހޭ އެންމެހާ ހައްގުތަކާއި ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ވަގުތުން ފެށިގެން ދޫނިދޫގައި ބަންދުގައި ހުރިއިރު ވެސް އޭނާއަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށުން ދޫނިދޫ ޖަލުގައި މި އަންހެން މީހާ ހުރި މުއްދަތުގައި ދެ ފަހަރެއްގެ މަތިން ޑޮކްޓަރަށް ދައްކާ ފަރުވާ ދިންކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ފުލުހުން ވަނީ މި މައްސަލައާ ގުޅޭ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމް އަށް މައުލޫމާތު ހިއްސާކޮށް މައްސަލަ ބެލުމަށް އެދެފައިވާނެކަމަށް ވެސް ހާމަކޮށްފައެވެ. އަދި މި މައްސަލައިގައި ހުރިހާ މުއައްސަސާއަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ ދޫނިދޫގައި މަރުވި އަންހެން މީހާގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ.