އިންތިޚާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވަމުން، ޕީޕީއެމުން ފެށި "އޮޅުވައިލި ވޯޓު" މުޅި ރާއްޖޭގައި ވެސް ކުރިޔަށް ގެންދިއުމަށް ހިތްވަރުދެއްވައި ރައީސް ޔާމީން ރޭ ވަނީ ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވީ އެންމެ 96000 ވޯޓު ކަމަށް ގަބޫލުފުޅުކުރައްވަން މިހާރު ދަތިފުޅު ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރިތާ 24 ގަޑި އިރު ވެސް ނުވަނީސް ރައީސް ޔާމީން ވަނީ ދިވެހި ގައުމާ މުޚާތަބު ކުރައްވައި ބަލި ގަބޫލުކުރައްވައިފަ އެވެ. ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ ބަސް އިއްވައިފި ކަމަށާއި އެއަށް ފުރިހަމައަށް ތަބާވެވަޑިގެން އަމަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ވީހާ ވެސް އަމާން ކަމާއި އޮމާން ކަމާ އެކު ގެންދަން ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެ މަރުހަލާ އަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް ކަހަލަ ހުރަހެއް ނުވަތަ އުނދަގުލެއް ކުރިމަތިވިޔަ ނުދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.
ބަލި ގަބޫލުކުރައްވައި ރައީސް ޔާމީން ދެއްކެވި ގައުމީ ވިސްނުންފުޅުގެ ވާހަކަތަކުގެ ސަބަބުން ގިނަ ބައެއްގެ ހިތްހަމަޖެހުމާއި ރިވެތި ބަސްތައް އެމަނިކުފާނަށް ދިޔައީ ލިބިވަޑައިގަންނަވަމުންނެވެ. އެހެނީ ފެތުރިފައި އޮތީ ބަލިވިޔަސް، ރައީސް ޔާމީން ގޮނޑިން ފައިބައިވަޑައިނުގަންނަވާނެ ކަމުގެ އަޑު ތަކެވެ.
ރައީސް ޔާމީންގެ ވިސްނުންފުޅު ބަދަލުވީ އިއްޔެގެ ވަގުތެއްގައި މީސް މީޑިއާގައި އާންމުވެގެން ދިޔަ އޯޑިއޯ އަކާ ގުޅިގެނެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އާއި އެހެން މީހާކާ ދެމެދު ދެކެވިފައިވާ އެ ވާހަކަ ތަކުން ހަގީގަތުގައި މާބޮޑު ކަމެއް ސާފެއް ނުވެ އެވެ. އެހެން ނަމަވެސް ކޮންމެވެސް ކަންތައްގަނޑެއް އޮޅުވައިލަން އުޅޭ ނުވަތަ ކަންތައްގަނޑެއް ފޮރުވަން އުޅޭ ޒާތުގެ ވަހެއް އެ އޯޑިއޯ އިން ދުވަ އެވެ.
އެހެން ނަމަވެސް އެއީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރަން ޖެހޭ ވަރުގެ ސަބަބެއްތޯ އެއީ ހަމަ ކޮށްލަން ޖެހޭ ސުވާލެކެވެ. އެ އޯޑިއޯ ގައި އެދައްކާ ވާހަކަ ހެޔޮކޮށް ސާފުނުވާ އިރު، އަދި އޭގެ މައިގަނޑު މައުޟޫ ވެސް އޭގެން ނޭނގޭ އިރު އެއީ ހުއްޖަތެއް ކަމަށް ބަލައިގެން އިންތިޚާބު ބާތިލުކުރަން ގޮވައިލުން އެއީ ހަމަ އެންމެ ރަނގަޅު ގޮތްތޯ އެވެ؟ ޝަރީފު ވިދާޅުވާ ގޮތަށް އެއީ އެތައް ދުވަހެއްގެ ވާހަކަތަކަކުން ހަދާފައިވާ އެއް އޯޑިއޯ ނަމަ އެއީ ސަބަބެއް ކަމަށް ބަލައިގެން މުޅި ގައުމުގައި ރައްޔިތުން ނުކުމެ މުޒާހަރާ ކުރަން ގޮވައިލުން އެއީ އިދިކޮޅު ޕާޓީއެއްގެ ޒިންމާދާރުކަން ދެއްކެވުން ކަމަށް ވާނެތޯ އެވެ؟
ގަބޫލުކުރަން ޖެހެ އެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ހިމެނޭ މިފަދަ އޯޑިއޯއެއް ލީކު ވުމަކީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމެކެވެ. އެކަން ކުރައްވަންވީ އެވެ. މިއަދުވެސް ރައީސް ކަމުގައި ހުންނެވީ ރައީސް ޔާމީން އެވެ. ޕޮލިސް ކޮމިޝަނަރު ކަމުގައި އެހުންނެވީ އިއްޔެ އައްޔަން ކުރެއްވި މަގާމަށް ތާޒާ ބޭފުޅެކެވެ. މައްސަލަ ބައްލަވާފައި އެއީ ކިހާ ވަރެއްގެ ހަގީގަތެއް ހިމެނޭ އޯޑިއޯއެއްތޯ ޔަގީން ކުރައްވަން ވީ އެވެ. އެއީ އިންތިޚާބު ބާތިލުކުރާން ޖެހޭ ވަރުގެ ސަބަބެއް އޮތް އެއްޗެއްތޯ ނިންމަން ވާނީ އެއަށް ފަހުގަ އެވެ. އަމުދުން ރައީސް ކަމުގައި ހުންނެވި ބޭފުޅަކު ރައްޔިތުންގެ ކުރިމަތީގައި ދާދި އިހަކަށް ދުވަހު ގަބޫލުކުރެއްވި ބަލި ދިމާ އަނެއްކޮޅަށް ޖަހައި ބަލި ގަބޫލުފުޅު ނުކުރައްވަވާ ފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަން ވާނީ ވަރަށް ބޮޑު ކަށަވަރުކަމެއް ސާބިތު ހިފޭ މަގަކުން ހޯއްދަވައިގެންނެވެ.
ކަން މިހެން އޮތް ނަމަވެސް ރައީސް ޔާމީން އެވަނީ މުޅި ރާއްޖޭގައި މުޒާހަރާ ކުރިޔަށް ގެންދިއުމަށް ހިތްވަރުދެއްވައިފަ އެވެ. އަދި އެމަނިކުފާނަށް އެކަން ނުހުއްޓުވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. މި ވާހަކަފުޅު ތަކުން ހާސިލުކުރައްވަން ބޭނުންފުޅުވާ މަގުސަދަކީ ކޮބަތޯ ސުވާލު އުފެދެ އެވެ. ގައުމުގައި ރައްޔިތުން ނުކުމެ ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެއްވުމަށް ވުރެ، ބަލަން ޖެހޭ ވަރުގެ ކަމެއް ނަމަ ބަލައި ކަށަވަރުކުރުމުން ގައުމީ ހަމަޖެހުމަށް ދެވޭ ފުރުސަތު ބޮޑުވާނެ ނޫންތޯ އެވެ؟