ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމު، ރިޔާސީ ދައުރުގެ ފަސްއަހަރު ދުވަހުގައި، އެމަނިކުފާނު، މާލީ ބަޔާން ހުށަހަޅުއްވާފައި ވަނީ އެންމެ ދެ ފަހަރު ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ރައިސުލް ޖުމްހޫރިއްޔާ އާއި ނާއިބު ރައީސް އާއި ވަޒީރުންނަކީ، އަހަރަކު އެއްފަހަރު އޮޑިޓާ ޖެނެރަލަށް އެސެޓްސް ޑެކްލަރޭޝަން ހުށަހަޅަންޖެހޭ ފަރާތްތެކެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 އިން ހުސްވި 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކާ ގުޅޭ މަޢުލޫމާތާއި މާލީ ބަޔާން ހުށަހަޅާފައިވާ ބޭފުޅުންނާ، ހުށަނާޅާ ފަރާތްތަކުގެ މަޢުލޫމާތު އޮޑިޓް އޮފީހުން މިއަދު ވަނީ އާއްމު ކޮށްފަ އެވެ.
އޮޑިޓް އޮފީހުގެ ރިޕޯޓުގައި ބުނެފައިވާގޮތުން، ރިޔާސީ ދައުރު ނިމިގެން ދިޔައިރު ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައި ވަނީ، 2014 ވަނަ އަހަރާއި 2018 ވަނަ އަހަރު އެކަންޏެވެ. 2018 ވަނަ އަހަރު މާލީ ބަޔާން ހުށަހެޅުއްވީ ރިޔާސީ ދައުރު ނިމުމުގެ ދެ ދުވަސް ކުރިންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ތިން ބޭފުޅަކު ނާއިބު ރައީސްކަން ކުރައްވާފައިވާއިރު، ފުރަތަމަ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން މާލީ ބަޔާން ހުށަހަޅުއްވާފައި ވެސް އެންމެ އަހަރަކުއެވެ. އެއީ 2014ވަނަ އަހަރުއެވެ. 2015ވަނަ އަހަރުގެ މެދެއްހައި ހިސާބުގައި އެމަނިކުފާނު ވަނީ މަޤާމުން ދުރުކޮށްފައެވެ.
ރައީސް ޔާމީންގެ ދެވަނަ ނާއިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު މާލީ ބަޔާން ހުށަހަޅުވާފައެއް ނުވެ އެވެ. އަދި ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ތިން އަހަރުވެސް އަދީބު މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ.
ރިޔާސީ ދައުރުގެ ފަހު ތިން އަހަރު ރައީސް ޔާމީންގެ ނާއިބު ރައީސްކަމުގައި ހުންނެވި ޢަބްދުﷲ ޖިހާދު ވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއްނުވެ އެވެ. އަދި ޖިހާދު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ވެސް މާލީ ބަޔާން ހުށަހަޅުއްވާފައެއް ނުވެއެވެ.
އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައިވާގޮތުން، ރައީސް ޔާމީންގެ ކެބިނެޓްގައި ހިމެނި ވަޑައިގެންނެވި، ހަތް މިނިސްޓަރަކު މާލީ ބަޔާން އެއްގޮތަކަށްވެސް ހުށަހަޅުއްވާފައެއްނުވެ އެވެ.
އެއީ، އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި މުޙައްމަދު ސަޢީދު އާއި ރާއީސް ޔާމީންގެ ފުރަތަމަ ޔޫތު މިނިސްޓަރުކަން ކުރެއްވި މުޙައްމަދު މަލީހު ޖަމާލް އާއި ޔޫތު މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް އާއި ހެލްތު މިނިސްޓަރުކަން ކުރެއްވި ޢަބްދުﷲ ނާޒިމް އާއި ހޯމް މިނިސްޓަރުކަން ކުރެއްވި އަޒްލީން އަޙްމަދު ގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރުކަން ކުރެއްވި އަމީން އިބްރާހީމް އާއި ޑިފެންސް މިނިސްޓަރުކަން ކުރެއްވި މޫސާ އަލީ ޖަލީލް އެވެ.