ގްލޯބަލް އެވިއޭޝަން ސަމިޓް އިންޑިއާގައި ފަށައިފި އެވެ.
އިންޑިއާގެ މުމްބާއިގައި މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގްލޯބަލް އެވިއޭޝަން ސަމިޓް މިއަދު ފަށާފައިވާ އިރު، އަލަށް ފެށި ސަމިޓުގެ ޝިއާރަކީ '' ފްލައިންގް ފޯ އޯލް - އެސްޕެޝަލީ ދަ ނެކްސްޓް 6 ބިލިއަން'' އެވެ.
މި ސަމިޓުގައި ރާއްޖެ ތަމްސީލުކުރައްވަނީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާއެވެ. މިނިސްޓަރު ވަނީ ސަމިޓުގައި ތަގުރީރު ވެސް ކުރައްވައިފައެވެ.
މި ސަމިޓަކީ 2030 ވަނަ އަހަރަށް ދާއިރު އޭވިއޭޝަން އިންޑަސްޓްރީއަށް %10 ކުރިއެރުމެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާތީ، ކުރިމަގުގައި އޭވިއޭޝަންގެ ދާއިރާ ބައްޓަންކުރަންވީ ގޮތް ދެނެގަނެ، މިކަމާއި ގުޅޭ ގޮތުން ގައުމުތަކުގެ އިސް ފަރާތްތަކުން ހިމެނޭ ގޮތަށް ހިޔާލު ހޯދުމަށް ދުނިޔޭގެ ލެވަލްގައި ބާއްވާ ފޯރަމެކެވެ. އެގޮތުން މި ސަމިޓުގައި އޭވިއޭޝަން ދާއިރާގެ ފަންނީ އަދި ގާބިލް ބޭފުޅުންނާއި މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުން ބައިވެރިވެ މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ސަމިޓަކީ އިންޑިއާގެ ސަރުކާރާއި، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އިތުރުން ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، އެފްއައިސީސީއާ ގުޅިގެން ބާއްވާ ސަމިޓެކެވެ.