އިބްރާހިމް ޒަކީ
ކާރިސާތަކަށް އެހީވުމަށް ހާއްސަ ފަންޑެއް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީިން އުފައްދައި އެފަންޑަށް 1200 ރުފިޔާ ޖަމާކޮށްފި އެވެ.
އެންޑީއެމްއޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ސޮފީނާޒް ޙަސަން ވިދާޅުވީ އެ ފަންޑަށް ޖަމާކުރި ފައިސާ އަކީ، މިދިޔަ ޑިސެމްބަރު މަހު މާލެއަށްކުރި ވިއްސާރާގައި، ފެންބޮޑުވުމާ ގުޅިގެން ގެއްލުން ލިބުނު ގެތަކަށް، އެހީވާން ލިބުނު 1.3 މިލިއަން ރުފިޔާ ގެ ތެެރެއިން، އެހީދިނުމަށްފަހު ބާކީވި 1200 ރުފިޔާ ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާރު އެ މުއައްސަަސާ އޮތޯރިޓީއަކަށް ބަދަލުވެފައިވާތީ، ލިބޭ ގާނޫނީ ބާރުތަކުގެ ތެރެއިން އެހީގެ ފަންޑަށް ހާއްސަ ބަޖެޓެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ސޮފީނާޒް ވިދާޅުވީ ޑިސެމްބަރުގެ ވިއްސާރައިގައި ގެއްލުންވި 126 ގެއަށް، ލިބުނު ގެއްލުމުގެ 94 އިންސައްތައަށްވާ ފައިސާގެ އެހީ ދީ ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެންޑީއެމްއޭއިން ކާރިސާތަކުގައި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީދިނުމުގައި އާންމުކޮށް ޢަމަލުކުރާ ގޮތަކީ ލިބުނު ގެއްލުމުގެ 20 އިންސައްތަ ދިނުންކަމަށެވެ. ނަމަވެސް މިފަހަރު 94 އިންސައްތަ އެހީ ދީފައިވަނީ ކާރިސާއާ ގުޅިގެން ލިބުނު އެހީތައް ބޮޑުވުމުންކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ގެތަކަށް އެހީގެ ގޮތުގައި ދީފައިވާ ފައިސާއަކީ މުޅިންވެސް ކުންފުނިތަކާއި ޖަމިއްޔާ، ޖަމާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ފަސާއެވެ.