ރާއްޖެއިން އިންޑިއާގެ ނިއުދިއްލީއަށް ކަނޑައަޅާފައި ހުންނަ ސަފީރު، އާއިޝަތު މުހައްމަދު ދީދީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އާއިޝަތު މުހައްމަދު ދީދީއަށް މަރުހަބާ ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވަނީ ރާއްޖެއާއި އިންޑިއާ ގުޅިގެން ގިނަ މަޝްރޫއުތަކެއް ހިންގެވުމަށް ކަނޑައަޅާފައިވާ ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގައި އިންޑިއާގެ އެހީ ހޯއްދަވަން ބޭނުންފުޅުވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި ބަައްދަލުވުމުގެ ތެރެއިން ނައިބު ރައީސް ވަނީ ސަފީރުގެ އަރިހުގައި އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރެއްވުމަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެއާއެކު ތައުލީމީ ދާއިރާއިން ރައްޖެއަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތް ކުރެއްވުމަށްވެސް ވަނީ އެދެވަޑައިގެންފައެވެ. އަދި އިންޑިއާގައި ތައުލީމު ހާސިލްކުރާ ދިވެހިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރުމަށްވެސް ނައިބު ރައީސް ވަނީ ސަފީރުގެ އަރިހުގައި އެދިވަޑައިގެންފަ އެވެ.
މި ބައްދަލުވުމުގައި އާއިޝަތު މުހައްމަދު ދީދީ ވަނީ އެކަމަނާއަށް މި ލިބުނު ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިއްޕަވާނެ ކަމަށާއި ނައިބު ރައީސް އެދިވަޑައިގެންނެވި ހުރިހާ ދާއިރާއަކުން މަސައްކަތްކޮށްދެއްވުމުގެ އިތުރުން ރާއްޖޭގެ ރީތި ނަން ދަމަހައްޓަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.