ޚަބަރު

ބްރިޖް ގައި ދަތުރު ކުރާއިރު ހެލްމެޓް އެޅުމަށް އިލްތިމާސްކޮށްފި

ސިނަމާލެ ބުރިޖުން ދަތުކުރާ ދެ ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ހެލްމެޓް ބޭނުންކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިނަމާލެ ބުރިޖުމަތިން ދަތުރު ކުރާ ދެފުރޮޅުލީ އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ދަތުރުކުރުމުގައި ހެލްމެޓް ބޭނުން ކުރުމަކީ އެ އޮތޯރިޓީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އަދި ބުރިޖުގައި ދަތުރު ކުރުމުގެ މިންގަނޑަކީ 25 ކިލޯ މީޓަރާއި، 50 ކިލޯ މީޓަރާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން މިގޮށް އިލްތިމާސް ކޮށްފައިވާ އިރު ބުރިޖުމަތީގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަށް އާންމުންގެ ސަލާމަތަށް ޓްރެފިކް ފުލުހުން ބުރިޖުގެ ދެކޮޅުގައި ހަރަކާތްތެރިވެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުރިޖުގައި ދަތުރުފަތުރު ކުރާނެ ގޮތުގެ ގަވައިދެއްވެސް ހަދައި އާންމުކޮށްފަ އެވެ.