ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް

ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަވާންޖެހޭނެ: މައުމޫން

ޝަހީދާ އަބްދުﷲ ސައީދު

ވަކި ޖިންސަކަށް، ކުލައަކަށް، ބެލުމެއްނެތި، ގާނޫނުގެކުރިމަތީގައި އެންމެން ހަމަހަމަވާންޖެހޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ހުށަހެޅުއްވި އިސްލާހާ ދެކޮޅަށް، ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ކުރެއްވި ޓުވީޓެއް ރީ-ޓުވީޓު ކުރައްވަމުންނެވެ.

މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޖިންސަކަށް ކުލައަކަށް އަދި އުފަން ރަށަކަށް އުމުރަކަށް ބެލުމެއްނެތި ގާނޫނުގެ ކުރިމަތީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާންޖެހޭނެ ކަމަށެވެ.

ލަތީފު ހުށަހެޅުއްވި އިސްލާހު ގާނޫނާ ޚިލާފުކަމަށް ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވެފައިވާއިރު، އެއިސްލާހު ނެގުމަށް ޖުމްހޫރީ ޕާޓީން ވަނީ އަންގާފައެވެ.

އަދި އެއިސްލާހާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެފައިވަނީ، ލަތީފު ހުށަހެޅުއްވި އިސްލާހަކީ ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށްގެން ހުށަހެޅުއްވި އިސްލާހެއް ކަމަށެވެ.