ޚަބަރު

އިންޑޮނީޝިއާ ސުނާމީއިން ސައިންސްވެރިން ސިއްސުވާލައިފި

މުހައްމަދު އައުޒަމް

7.5 ގެ މެގްނެޓިއުޑް ގެ ބާރުގަދަ ބިންހެލުމަށްފަހު އިންޑޮނީޝިއާ އަށް އެރި ސުނާމީގެ ސަބަބުން ސައިންސްވެރިން ސިއްސުވާލައިފި އެވެ.

ކެލިފޯނިއާގެ ހެމްބޮލްޑްޓް ޔުނިވާސިޓީގެ ޖިއޯފިޒިސިސްޓް ޖޭސަން ޕަޓޮން ނެރުނު ބަޔާނެއްގައިބުނީ ބިންހެލުމަށްފަހު އެމީހުންނަށް ސުނާމީއެއް އަރާނެކަން ޔަގީންވި ކަމަށެވެ. ނަމަވެސް މިހާބޮޑު ސުނާމީއެއް އަރާފާނެކަމަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ކަމަށެވެ.

ޖޭސަން ޕަޓޮން ބުނީ މިގޮތަށް ހިނގާ ކަންކަމުން ސައިންޓިސްޓުންނަށް މުޅީން އާ ގިނަ ކަންކަން ހޯދުމަށް މަގުފަހިވެގެންދާ ކަމަށެވެ.

އިންޑޮނީޝިއާއަށް އައި ބިންހެލުމަށްފަހު އުފެދުނު ސުނާމީގައި މިހާތަނަށް 800 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ވަލީ ގެއްލިފަ އެވެ. އިންޑޮނީޝިއާގެ ސުލަވެސި އައިލެންޑުގެ ޕަލު އަދި ޑޮންގަލާ ސަރަހައްދަށް އެރި މި ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މީހުން ސަލާމަތްކުރާ ޓީމުތަކުން އަންނަނީ ބިންހެލުމާއި ސުނާމީ އަށް ފަހު ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ލިބުނު ގެއްލުމުގެ ބޮޑުކަމުން ހާލުގައިޖެހިފައިވާ މީހުންނަށް އެހީ ވުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

އިންޑޮނީޝިއާގެ އޮފިޝަލުން ވަނީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރު ވާނެ ކަމަށް ބަލައި ފިޔަވަޅުތައް އަޅަން ފަށާފައެވެ.