ޚަބަރު

މަދިރި ބޭސްފުޅިތަކެއް ލީކުވެ، އޭގެ އަސަރު ކޮށްގެން ތިން މީހަކު ހޮސްޕިޓަލަށް ގެންގޮސްފި

އިބްރާހިމް ޒަކީ

ހެލްތު މިނިސްޓްރީ އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހުންނަ، ރޯޝަނީ ބިލްޑިންގުގައި މަދިރި ބޭސްތަކެއް ލީކުވެ، އޭގެ އަސަރު ކޮށްގެން ތިންމީހަކު ހޮސްޕިޓަލަށް ގެންގޮސްފި އެވެ.

މަންޒަރުދުށް ބައެއް މީހުން ބުނީ، އެ ހާދިސާގައި ހޭނެތިގެން ތިން މީހަކު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު "ވަން އޮންލައިން"އަށް ވިދާޅުވީ، ރޯޝަނީ ބިލްޑިންގުގައި މަދިރިބޭސް (މެލެތޮން) ލީކުވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން އެ ބިލްޑިންގުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، އެހާދިސާގައި ބޭހުގެ އަސަރު ކޮށްގެން ދެ އަންހެނުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެތަނުގައި އޭގެ 40 ފުޅި ބޭސް ހުރިކަމަށާއި، ބޭސް ލީކުވިތާ މާގިނައިރެއްނުވެ ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެ މަދިރިބޭސްތަކަކީ، މުއްދަތު ހަމަވެގެން ނައްތައިލުމަށް ޓަކައި، އެ ބިލްޑިންގެ ތިރިޔަށް ބާލާފައިހުރި އެއްޗެހިތަކެއް ކަމަށާއި އެތަކެތި ނައްްތާލުމަށް ޓަކައި ތިލަފުއްޓަށް ގެންދިއުމަށް، ފަޔާ އެންޑް ރެސްކިއު ޓީމުން މަސައްްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ދާދި ދެންމެ ބުނީ މަދިރި ބޭސްތައް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށާއި ހެލްތު މިނިސްޓްރީގެ އިމާރާތް މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.