ކައިވެންޏެއް ކުރުމަށްފަހު ދެމީހުން އެކަކު އަނެކަކު ދެނެގަނެ އެކީގައި އުޅެން ފަށާ އިރު އެތައްދަތި ތަކެއް ދިމާވެ، މައްސަލަ ތަކެއް ކުރިމަތިވާނެ އެވެ. ބައެއް ކަހަލަ ހިތްހަމަ ނުޖެހުންތަކާ، އަރައިރުން ތަކަކީ ކިތަންމެ ލޯބިން ކައިވެނި ކޮށްގެން ކުޅޭ ދެމީހެއްގެ ދެމެދުގައި ވިޔަސް ދިމާވާ އާންމު ކަމެކެވެ. އެހެން ނަމަވެސް މި ހިތްހަމަނުޖެހުން ތަކަކީ ދެމީހުންގެ ދެމެދުގައި ލޯބި ނެތިގެން ޖެހޭ އަމިއްލަ މައްސަލަ ތަކަށްވުރެ ބޮޑަށް ބޭރުން ދިމާވާ އެހެން "އެކްސްޓަރނަލް" ކަންކަމަށް ވުމީވެސް ވެދާނެ ކަމެކެވެ. އެއީ އިން ލޯރސް ކަމުގައި ވިއަސް، ނުވަަތަ ފައިސާގެ މައްސަލަތައް ނުވަތަ ވަޒީފާގެ މާހައުލު ކަމުގައި ވުމީވެސް ހަމަ ވެދާނެ ކަންކަމެވެ. އެހެން ކަމުން އެކި މީހުނަށް އާންމު ކައިވެނީގައި ޖެހޭ "އެކްސްޓަރނަލް" މައްސަލަ ތަކެއް ފާހަގަ ކޮށްލާނަމެވެ.
މިއީ ކޮންމެހެން ދެމަފިރިން ދަހި ވުމެއް ނޫނެވެ. ނަމަވެސް އެކަކު ވަޒީފާއަށް ގޮސްގެން ލިބޭ އާމްދަނީއާ އަނެކާގެ އާއިލާގެ މީހުން ބެހި ހަދާ ކަމަށް ވާނަމަ އެއީ ދެމަފިރިންގެ ގުޅުމަށް ބުރޫ އަރާނެ ކަމެކެވެ. މިސާލަކަށް އަންހެން މީހާ އަށް ލިބޭ މުސާރަ އާ ބެހޭ ގޮތުން އޭނާގެ ފިރިމީހާގެ ބައްޕަ ސުވާލުކޮށް، އޭނަ ރައްކާކުރޭތޯ ބަލައި ހަދާކަމަށް ވާނަ އަންހެން މީހާ އެކަމާ ހިތްހަމަނުޖެހުން އުފެދި ކަންކަން ހިއްސާކުރުން ހުއްޓޭނެއެވެ. އަނެއްކޮޅުން އެކަކު އަނެކަކު ގަންނަ އެއްޗެހި ނުވަތަ ކުރާ ހަރަދު ތަކާ މެދު އާއިލާއިން ފާޑު ކިޔައި ހަދާ ނަމަވެސް މިއީ ދެމީހުންގެ މެދުގައި މައްސަލަ ޖެހުމަށް ދިމާވެދާނެ ކަމެކެވެ.
ކައިވެނި ކޮށްގެން ގިނަ ފަހަރު އަންހެން މީހާ ބަދަލު ވަނީ މުޅިން އާ މާހައުލަކަށެވެ. ބައެއް ފަހަރު އާ ރަށަކަށް ނުވަތަ އާ ގެޔަކަށެވެ. އާ ބައެއްގެ ތެރެއަށެވެ. މިގޮތަށް ބަދަލުވާއިރު ހާއްސަކޮށް އެހެން ރަށަކަށް ބަދަލުވެ މުޅިން އާ ހަޔާތެއް ފަށާއިރު އެކި ކަހަލަ ދަތިތަކާ ކުރިމަތި ވެއެވެ. އެބަދަލުވި ތަންދެކެ ހިތްހަމަ ނުޖެހި ވަޒީފާއެއް ލިބިމުގެ ދަތިކަން ތަހައްމަލު ކުރަން ޖެހެއެވެ. ނުވަތަ އެންމެ ބޭނުންވާ ކަހަލަ ގެއެއް ނުވަތަ ތަނަކަށް އެބަދަލުވި ތަން ނުވެއެވެ. މިކަންކަމާ ހެދި ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
މިއީ އިނދެގެން އެކަކު އަނެކަކުގެ މައިންބަފައިން ގާތުގައި އުޅޭ އިރު، ވަޒީފާއަށް ދާނަމަ ފުދޭވަރަކަށް ޖެހޭ މައްސަލަ އެކެވެ. ހާއްސަކޮށް އަންހެން މީހާއަށެވެ. ފިރިމީހާގެ މަންމަ އަކީ ގޭގައި ހުންނަ މީހެއް ކަމުގައި ވެފައި، އެއީ ކަންކަން އަބަދުވެސް ބަރާބަރަށް ކުރާ މީހެއް ކަމުގައި ވާނަމަ އެކަންތައް އޭނާގެ ދަރިފުޅު އިނދެގެން އުޅޭ މީހާގެ ކިބައިންވެސް އެދޭނެއެވެ. ބަރާބަރަށް ގަޑިން ގަޑިއަށް ކެއްކުމެވެ. ގޭތެރެ އަބަދުވެސް ސާފުކޮށް ބެހެއްޓުމެވެ. ގިނަ ފަހަރު އޮފީސް ނިންމާފަ ގެއަށް ގޮސް މައިދައިތަ އެންމެ ބޭނުންވާ ގޮތަށް އޮންނަނީ ކަންކަން ނުވެފައެވެ. އޭގެ ސަބަބުން މައިދައިތަ އާ މައްސަލަ ޖެހި، ފިރިމީހާ ދެމީހުންގެ މެދުގައި ބެދޭގޮތް ވެއެވެ.
ދެމަފިރިންގެ ދެމެދަށް އެކަކު އަނެކަކުގެ އާއިލާގެ މީހުން ވަދެ ބަސްބުނެ ހަދައެވެ. މިގޮތަށް ކަންކުރާއިރު ބައިވެރިޔާގެ ވާހަކަތަކަށްވުރެ އާއިލާ މީހުންގެ ބަސް ގަބޫލު ކުރެވޭގޮތް ދިމާވެ ދެމަފިރިންގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރާ ޔަގީންކަން ގެއްލިގެން ދެއެވެ.
ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަން ރައްޓެހިންނާ ހިއްސާ ކުރުމަކީ ގިނަ ބަޔަކު ކުރާ ވަރަށް ނޭދެވޭ ކެމެކެވެ. ހާއްސަ ކޮށް ދިމާވާ ކުދި ކުދި މައްސަލަތައް ހިއްސާކުރުމުން އެމީހުން ދޭ އެކި އެކި ނަސޭހަތްތަކާ އެކި ފާޑުގެ ކޮމެންޓްސް ތަކުން ޖެހިގެން އުޅޭ މައްސަލަ ބޮޑުވެއެވެ. މީގެ އިތުރުން ރައްޓެހިން އަބަދު އަބަދު ގެއަށް އައިސް އުޅޭ އުޅުމާއި އަބަދު ރައްޓެހިންނާ އެކީ ބޭރުގައި އުޅުމުން ދެމީހުން އެކުގައި ހޭދަކުރާ ވަގުތު ކުޑަވެ ދެމެދުގައި ދުރުކަމެއް އުފެދޭނެއެވެ.