ދިވެހިރާއްޖޭގެ 30 ވަނަ ޅެންވެރިކަމުގެ މުނާސަބަތުގައި، ގިނަ އަދަދެއްގެ ޅެންވެރީން ބައިވެރިވާ ހާއްސަ ހަރަކާތެއް މިރޭ ސަލްޓަން ޕާކުގައި ބާއްވަން ނިންމައިފި އެވެ.
ދިވެހި ބަހުގެ އެކެޑަމީގެ ނައިބު ރައީސް ރާފިޔާ އަބްދުލްގާދިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެކި ފެންވަރުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.
ރާފިޔާ ވިދާޅުވީ މިރޭ ސަލްޓަން ޕާކުގައި ޅެން ހެދުމާއި ޅެން ހުށަހެޅުމުގެ މުބާރާތެއް ކުރިއަށްދާނެ ކަމަށެވެ.
މިއަހަރުގެ ޅެންވެރިންގެ ދުވަސް ހާއްސަކުރެވިފައިވަނީ އަލްމަރުހޫމް ޔޫސުފް މުހައްމަދުފުޅުގެ ޅެންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ސްކޫލުތަކުގައި ޔޫސުފް މުހައްމަދުފުޅާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ރާފިޔާ ފާހަގަކުރެއްވިއެވެ.
މި އަހަރު ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖައްސައިފައިވަނީ ރ. އަތޮޅު އިނގުރައިދޫގައެވެ. އެ ރަށުގައި ޅެންވެރިކަމާ ގުޅޭ ހާއްސަ އިތުރު ހަރަކާތްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ރާފިޔާ އޭނާ ވިދާޅުވިއެވެ.