ރައީސް ޔާމީން

އީސީގެ މެންބަރުންނަށް ނުފޫޒެއް ނެތް ކަމަށްވަންޏާ އެގޮތަށް ވާހަކައެއް ނުދައްކާނެ: ރައީސް ޔާމީން

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ނުފޫޒެއް ފޯރުވާފައި ނެތް ކަމަށްވަންޏާ ލީކުވި އޯޑިއޯގައި އެފަދަ ގޮތަކަށް ވާހަކަ ނުދައްކާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އޮޅިވާލި ވޯޓުގެ ނަމުގައި ޕީޕީއެމްގެ ސަޕޯޓަރުން އެ ޕާޓީގެ އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ މިއަދު ސޯޝަލް މީޑިއާގައި ލީކުވެގެން އުޅުނު އޯޑިއޯ ކްލިޕްއާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެ ވީޑިއޯ ކްލިޕަކީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކަމަށް ބެލެވޭ މީހަކާއި އެހެން މީހަކާ ދެމެދު ކޮށްފައިވާ ކަމަށް ބެލެވޭ ފޯން ކޯލްތަކެއްގެ ރެކޯޑިންއެކެވެ.

"ނުފޫޒުތަކެއް ވަންނަ ކަމަށްވަންޏާ އިހުލާސްތެރިންނަށް ވެސް ހަމަ ވަންނަ ނުފޫޒު ވަންނާނެ. މީގެ ކުރިންވެސް ވަދެފައި ހުރީ ނުފޫޒު. އެހެންވީމާ މިބޭފުޅުންނަށް ނުފޫޒެއް ވަންތޯ ނޫންތޯ، ނުފޫޒެއް ނުވަންނަ ކަމަށްވަންޏާ އޯޑިއޯ ކްލިޕްގައި ދައްކަވާފައި ހުރި ވާހަކަ އެގޮތަށް ދައްކަވާނެ ކަމަކަށް އުނދަގޫ ގަބޫލުކުރަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ނުފޫޒު ވަދެފައިވަނީ ކޮން ދިމާލަކުން ކަމެއް ނޭނގޭ ކަމަށާއި ޝަރީފަކީ ކުރިން ވަރަށް ގާތްކޮށް އުޅުއްވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ލީކުވެފައިވާ އޯޑިއޯ ކްލިޕުގައި ދެކެވިފައިވާ ވާހަކަތަކަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިން އަޅުގަނޑުމެން ޕީއޭ އުފައްދައިގެން އުޅުން އިރު ޕީއޭގައި ވެސް ސެކްރެޓަރީ ޖެނެރަލަކަށް ވެސް އުޅުއްވި. އަޅުގަނޑުމެންގެ މެންބަރެއްގެ ގޮތުގައި ވެސް ކުރިން އުޅުއްވި. އަޅުގަނޑު އަދިވެސް ދެކެނީ އަޅުގަނޑާ މެދު ގޯސްކޮށް ދެކެވަޑައި ނުގަންނަވާނެ ކަމަށް. އެހެންނަމަވެސް މި ނުކުމެގެން އުޅޭ ވާހަކަތަކަށް ބަލާ ކަމަށްވަންޏާ އަދި މި ނުކުމެގެން އުޅޭ އޯޑިއޯ ކްލިޕަށް ބަލާ ކަމަށްވަންޏާ، އެބަ ޖެހޭ ޖަވާބުދާރީ ވާން،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ލީކުވި އޯޑިއޯ ކްލިޕްއާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ އެ އޯޑިއޯއަކީ އެކި ފޯނު ކޯލްތައް އިސްފަސްކޮށް، މާނަ އޮޅޭގޮތަށް އެޑިޓްކޮށްފައިވާ ރެކޯޑިންއެއް ކަމަށެވެ.