އިބްރާހިމް ޒަކީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ދޫކޮށްލުމުން ގިނަ ދުވަސްތަކެއް ވަންދެން އޮފީހަށް ނުނިކުންނަވައި ހުންނެވުމަށްފަހު ގއ. ކޮނޑޭ ކައުންސިލްގެ ނާއިބު ރައީސް ޒިހާން އަބުދުﷲ ދީދީ އިސްތިއުފާ ދެއްވައިފި އެވެ.
ޒިހާން ކޮނޑޭ ކައުންސިލުން އިސްތިއުފާ ދެއްވިކަން ރަށު ކައުންސިލުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބުދުލް ހަކީމު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ، ނައިބުރައީސް ޒިހާންގެ އިސްތިއުފާގެ ސިޓީ ލިބުނީ މިމަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. އެ ސިޓީ ލިބުމާއެކު، ކައުންސިލްގެ ޕްރޮސެސް އޮންނަ ގޮތަށް، ކައުންސިލް ބައްދަލުވުމެއް ބާއްވައި، އެކަމަށް ގަރާރެއް ފާސްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މިހާރު ފޮނުވާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ، ޒިހާންގެ ބަދަލުގައި ކައުންސިލަށް އާ ނާއިބުރައީސް އެއް އިންތިޚާބު ކުރެވޭނީ އެލްޖީއޭ އިން އެންގުމުން ކަމަށެވެ.
"ކައުންސިލް ގެ ގަރާރު މިހާރުވަނީ އެލްޖީއޭ އަށް ފޮނުވައިފަ. އެ ގަރާރަށް ޖަވާބެއްދީ އެލްޖީއޭ އިން އެންގީމަ އަޅުގަނޑުމެން އާ ނައިބުރައީސަކު ހޮވާނަން" ކައުންސިލް ރައީސް ވިދާޅުވި އެވެ.
ކައުންސިލުން އިސްތިއުފާ ދެއްވި ޒިހާނަކީ، ޑްރަގް ކޯޓުގައި މަސްތުވާތަކެތީގެ މައްސަލައެއް އޮތް މީހެކެވެ.
މަސްތުވަތަކެތީގެ މައްސަލައެއްގައި ގެމަނަ ފުށިން ޒިހާން ހައްޔަރު ކުރީ، މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ.
ޒިހާން އިސްތިއުފާ މި ދެއްވީ ހައްޔަރުން ދޫކޮށްލުމުން ނެންގެވި ޗުއްޓީ، ހުސްވިމަހުގެ 27 ހަށް ހަމަވުމުންވެސް އެތައްދުވަހަކު އޮފީހަށް ނުނިކުންނަވައި ހުންނެވުމަށްފަހުގަ އެވެ.