މާލެ ސްޓްރީޓްސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން ފުލޫނިޔާ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ)އިން ފަށައިފިއެވެ.
މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން އާރުޑީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އާރުޑީސީން ކުރި ޓުވީޓެއްގައި ބުނީ ފުލޫނިޔާ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މާލެ ސްޓްރީޓްސްކޭޕިންގް ޕްރޮޖެކްޓުގެ ދަށުން އާރުޑީސީން އެންމެ ފުރަތަމަ ތަރައްގީކުރަން ފެށީ، ކަނބާއައިޝާ ރަނި ހިނގުމެވެ. އެ މަގުގެ ބޮޑުބައެއް ތަރައްގީކޮށް މިހާރު ވަނީ ރަސްފަންނާ ދިމާލަށް އޮތް ބައި އާއްމު ދަތުރުފަތުރަށް ހުޅުވާލައިފައެވެ.
ފުލޫނިޔާ މަގުގެ އިތުރުން މުނިޔާ މަގު ތަރައްގީކުރުމުގެ މަސައްކަތްވެސް އާރުޑީސީން އަންނަނީ ކުރަމުންނެވެ. އެ މަގުގެ މިހާރު ކުރަމުން އަންނަނީ، ސެޓްލްމަންޓް ޓޭންކާއި ކޭބަލްޓްރޭ އިންސްޓޯލްކުރުމުގެ މަސައްކަތެވެ.
މާލެ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓަކީ 462 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައެވެ. މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އިސްކަންދޭނީ އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ މަގުތަކަށެވެ.
މަގުތައް ތަރައްގީކުރުމަށް ރާވާފައިވަނީ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް، ނެއިބަހުޑް ސްޓްރީޓްސްގެ އިތުރުން ޕެޑެސްޓްރިއަން ސްޓްރީޓްސްއެވެ. އެގޮތުން މަޝްރޫއު ނިމޭއިރު އެކި ސަރަހައްދުތަކުން 416 މަގެއް ހަދާނެއެވެ. އެއީ 18 ކިލޯ މީޓަރުގެ މަގުތަކެވެ.