ޚަބަރު

އަދަބީ ފަންނުތައް ބައިނަލްއަޤްވާމީ ދުނިޔެއަށް ދެއްކޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައްވައިފި

އިބްރާހިމް ޒަކީ

ދިވެހި ޅެންވެރިކަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރާ މަސައްކަތް މިހާރަށްވުރެ ފުޅާކޮށް، މިފަދަ ފަންނުތައް ބައިނަލްއަޤްވާމީ ދުނިޔެއަށް މިހާރަށްވުރެ، ހާމަކަން ބޮޑު ގޮތެއްގައި ދެއްކޭނެ މަގު ފަހިކޮށްދިނުމަށް މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރު އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ގޮވާލައްވައިފިއެވެ.

މިނިސްޓަރ މިކަމަށް ގޮވާލެއްވީ، މިއަދު ފާހަގަ ކުރަމުންދާ ދިވެހި ރާއްޖޭގެ 30 ވަނަ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގަ އެވެ.

މިނިސްޓަރ ވިދާޅުވީ، ޅެންވެރި ކަމަކީ މާނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިންމު އަދަބީ ތަރިކައެއް ކަމަށެވެ. އަދި ދޫދޫމަތިން ވާރިދުވަމުން އައިސްފައިވާ އެތައް ސަތޭކަ އަހަރެއް ވެފައިވާ އަދަބީ ތަރިކަ ރާއްޖޭގައި އެބަހުއްޓެވެ. އަދި ރައިވަރު ބައިންނާއި، ބަނދިންނާއި، ކާ ތަކުންނާއި ރައިވަރާއި، ފަރިއްސާއި ޅެމާއި އަންބާ އާއި ލަވަ ފަދަ ބާވަތްތަކުން ހުރި ވާހަކަތަކާއި ތާރީހީ ހާދިސާތައް އެބަ ހުރި ކަން ފާހަގަ ކުރައްވައި މި ފަދަ ކޮންމެ އެއްޗަކީ، ހިމާޔަތްކޮށް، ދަމަހައްޓަން ޖެހޭ އަގު ބޮޑު މާނަވީ ތަރިކައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޅެންވެރިކަން ދިރުވައި އާލާ ކުރުމުގެ މަސައްކަތް ކުރާ ހުރިހާ ޅެންވެރިންގެ މަސައްކަތުގެ އަގުވަޒަން ކުރަންޖެހޭކަން ފާހަގަކުރައްވައި، މިނިސްޓަރުގެ ޚިތާބުގައި ހުރިހާ ޅެންވެރިންނަށް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

ޅެންވެރިންގެ ދުވަހުގެ ގޮތުގައި ރާއްޖޭގައި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުއެވެ.

ޅެންވެރީންގެ ދުވަސް ނިސްބަތް ކުރައްވާފައި ވަނީ މަޝްހޫރު ޝާއިރު، އަލްމަރުޙޫމް އަލްއުސްތާޒު އިބްރާހިމް ޝިހާބަށެވެ.

ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުުގެ ނަވާރައިގަ އެވެ.

މިއަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ ރ. އިނގުރައިދޫގައެވެ.