މުޅި ރާއްޖެއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް "މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ" ގެ ނަމުގައި ސާވޭއެއް ފަށައިފިއެވެ.
މޯބައިލް ފޯނު މެދުވެރިކޮށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން މި ސާވޭ ފެށީ މިމަހުގެ ތިންވަނަ ދުވަހުއެވެ. އެ ސާވޭ އަންނަ މަހުގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.
މި ސާވޭގައި އެއްކުރާ މައުލޫމާތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރާއި މިހާރު ދިރިއުޅޭ ގޭބިސީގެ ހާލަތާއި ގޭބިސީގައި ދިރިއުޅޭ މީހުންގެ އަދަދާއި އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި ގޯތިގެދޮރާ ގުޅޭ މައުލޫމާތާއި ބޯހިޔާވަހިކަން ހޯދުމުގައި ގޯތިގެދޮރު މިލްކުކުރުމަށް ސަރުކާރުގެ ފަރާތުން ލިބުމަށް އެދޭ އެހީތެރިކަމާއި ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ބޭނުންވާ މައުލޫމާތު ހިމެނެއެވެ.
މި ސާވޭގެ ޒަރިއްޔާއިން އެއްކުރެވޭ މައުލޫމާތުގެ އަލީގައި ސަރުކާރުން އެކަށައަޅާ ރާއްޖޭގެ ބޯހިޔާވަހިކަމާ ގުޅޭ ސިޔާސަތުތައް އެކުލަވާލުމާއި ތަންފީޒުކުރުން ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި ސާވޭއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯނުއެހީ ހިމެނޭހެން ކުރިއަށްގެންދާ ސާވޭއެކެވެ.