ޚަބަރު

އަދާލަތު ޕާޓީގެ ރައީސްކަމަށް ޝިދާތާއަކީ ގާބިލު ބޭފުޅެއް: ދިޔާނާ

އަލީ ޔާމިން

1

އަދާލަތު ޕާޓީގެ ރައީސްކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފަކީ ގާބިލު ބޭފުޅެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

މިފަދައިން ދިޔާނާ ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އަންހެން ބޭފުޅުންނަށް ކުރިމަތިނުލެއްވޭ ގޮތަށް ޕާޓީގެ ދުސްތޫރުގައި އޮތް އޮތުން އެގޮތުގައި ދެމެހެއްޓުމަށް އެޕާޓީން މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގައެވެ.

އަދާލަތު ޕާޓީގެ ދުސްތޫރުގައިވާ ގޮތުން އެޕާޓީގެ ރައީސް ކަމަށް އަދި ނައިބު ރައީސް ކަމަށްވެސް އަންހެނަކަށް ކުރިމައްޗެއް ނުލެވޭނެއެވެ. އެކަމާ ގުޅިގެން ޕާޓީގެ އާންމު ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ޕާޓީގެ އިސްމަގާމުތަކަށް އައުމަށް އަންހެނުންނަށް އޮތް ފުރުސަތު އެ ޕާޓީން ހަނިކުރަނީ ގާނޫނާ ހިލާފަށް ކަމުގައި ބުނެފައެވެ.

އަދާލަތު ޕާޓީގެ ރައީސަކަށް އަންހެނަކަށް ނާދެވޭ ގޮތަށް ދުސްތޫރުގައި އޮތް އޮތުން ދަމަހައްޓަން އުޅެނީ އެޕާޓީގެ ފޮރިން އެފެއާޒް ކޮމިޓީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފް، ރައީސް ކަމަށް ކުރިމަތިލައްވަން އުޅޭތީ ކަމުގެ އަޑުތައް ފެތުރުނެވެ. އެކަމާ ގުޅިގެން ޝިދާތާ ވިދާޅުވީ، އަދި ވަކި މަގާމަކަށް ކުރިމަތިލާން ނުވިސްނަވާ ކަމަށެވެ. ނަަމަވެސް ޕާޓީގެ ރައީސްކަމަށް އަންހެނަކަށް ކުރިމަތިލެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ.

ޝިދާތާ އަދާލަތުގެ ޕާޓީގެ ރައީސްކަމަށް ވާދަކުރައްވަން އުޅޭ ވާހަކައަށް އިޝާރާތްކުރައްވައި ދިޔާނާ ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ޖަލުގައި އޮންނެވިއިރު އެޕާޓީގެ އަޑު ނުކެނޑި އޮތީ ހިތްވަރުގަދަ ދެ ކަނބަލުންގެ ސަބަބުން ކަމަށެވެ. ނަމަވެސް އެ ކަނބަލުންގެ ނަމެއް ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތްތަކުގައި ޝިދާތާގެ އިތުރުން ރައްޔިތުން މަޖިލިހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމުވެސް ވަރަށް ބުރަކޮށް އުޅުއްވިއެވެ. ބެލެވޭ ގޮތުގައި ދިޔާނާ އެ ބަސް އަމާޒުކުރެއްވީ އެ ދެ ބޭފުޅުންނަށެވެ.

މީގެ އިތުރުން އެ ޓުވީޓުގައި ދިޔާނާ ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސަކަށް ޝިދާތާއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ.

އަދާލަތު ޕާޓީން ވަނީ މިމަހުގެ 23 ވަނަ ދުވަހު އެ ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ހަމަޖައްސައިފައެވެ. އެ އިންތިހާބުގައި އެޕާޓީގެ ނައިބު ރައީސާއި ރައީސް އިންތިހާބު ކުރާނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟