ޚަބަރު

ރާއްޖޭގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުން: ރައީސް

މަރިޔަމް ޝަހުދާ

ރާއްޖޭގެ އަމާޒަކީ އިޔާދަކުރަނިވި ހަކަތަ އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ޔޫއޭއީގެ މިނިސްޓަރ އޮފް އެނަރޖީ އެންޑް އިންޑަސްޓްރީ، ސުހައިލް މުހައްމަދު ފަރަޖް އަލް މަރްޒޫއީ ރައީސްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ޔޫއޭއީގެ އެނާޖީ މިނިސްޓަރ ވަނީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރާ މަސައްކަތައް ޔޫއޭއީ އިން އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މިހާރުވެސް ޔޫއޭއީ އިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވިދާޅުވަމުން މިނިސްޓަރ ވަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓުގެ އަގު ފާއިތުވި އަހަރުތަކުގައި ހެޔޮވަމުން އަންނަކަމަށް ފާހަގަކުރައްވައިފަ އެވެ. މީގެ އިތުރުން މިނިސްޓަރ ވަނީ މިކަމުގައި ރާއްޖެއަށް އެއްބާރުލުން ދެއްވާނެ ކަމަށާއި މި މަސައްކަތުގައި ރާއްޖެއަށް ކާމިޔާބު އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހު ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.