ޚަބަރު

"ބައިނަލްއަގުވާމީ ފެންވަރުގެ ވަޒީފާތައް ދިިވެހިންނަށް ލިބުމުގެ ފުރުސަތު އޮތީ ރަނގަޅު ތައުލީމާއި ތަމްރީނު ލިބިގެން"

މަރިޔަމް ޝަހުދާ

ބައިނަލްއަގުވާމީ ފެންވަރުގެ މަތީ ވަޒީފާތައް ދިިވެހިންނަށް ލިބުމުގެ ފުރުސަތު އޮތީ ރަނގަޅު ތައުލީމާއި ތަމްރީނު ލިބިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅުއްވާ ދިވެހި ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުންނެވެ. މިގޮތުން ރައީސް ސޯލިހުގެ ވާހަކަފުޅުގައި ވަނީ އެމިރޭޓްސްގައި ގިނަ އަދަދެއްގެ ދިވެހިން ވަޒީފާ އަދާކުރާކުރުމުން ރަނގަޅު ތައުލީމާއި ތަމްރީނު ލިބިގެން ނުކުންނަ ދިވެހީންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ވަޒީފާ ލިބުމުގެ ފުރުސަތު އޮތްކަން ދައްކުވައިދޭ ކަމަށެވެ. މީގެ އިތުރުން ރައީސް ސޯލިހު ވަނީ އޭވިއޭޝަން ދާއިރާގެ އެކިއެކި ވަޒީފާތަކުގެ އިތުރުން މުދާ އެކްސްޕޯޓް ކުރުމުގައާއި ރިޒޯޓް ވަޒީފާތަކުގައާއި ތައުލީމީ ދާއިރާގައާއި ފައިވްސްޓާރ ހޮޓާތަކުގައި ވަޒީފާ އަދާކުރާ ގިނަ އަދަދެއްގެ ދިވެހިން ޔޫއޭއީގައި ދިރިއުޅެމުން އަންނަކަން ފާހަގަކުރައްވައިފައެވެ.

މިއާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އެމަނިކުފާނި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖެ ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައިކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ މި ސަރުކާރުގެ ސިޔާސަތުތައް ބިނާކުރަނީ ގާނޫނީ ހަމަތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާއި ހަމަޔާއި އިންސާފަށް ބޯލަނބާ ކޮންމެ ގައުމަކާއެކު ރާއްޖެއިން ގުޅުން ދަމަހައްޓާނެ ކަމަށް ވިދާޅުވެފައެވެ.

މިއާއެކު މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންނަށް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ޔޫއޭއީ އިން ލިބޭނެގޮތް ހަމަޖައްސަވައިދެއްވިކަމީ ޔޫއޭއީގެ ސަރުކާރުން ރާއްޖެއާ މެދު ދެކޭ ގާތްކަން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.