ޚަބަރު

ސްޓެލްކޯގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާނެ ދިވެހީން ހޯދަނީ

ރިފާ ހަލީލު

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިންގާ އެކި އެކި މަޝްރޫއުތަކުގައި މަސައްކަތް ކޮށްދޭނެ މިނިވަން މަސައްކަތްތެރިން ހޯދަން އެކުންފުނިން އިއުލާން ކޮށްފިއެވެ.

ސްޓެލްކޯ އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން ހިންގާ އެކި އެކި މަޝްރޫއުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ކޮންޓްރެކްޓް އުސޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. އެގޮތުން މި ކަމަށް ޝައުގުވެރިވާ މީހުންނަކީ އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ އަސާސީ ތައުލީމުގެ ފެންވަރު ހުންނަ މީހުން ކަމުގައި ވާން ޖެހެ އެވެ. އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ރަނގަޅު ސިއްހަތެއްގައި ތިބި މީހުންނަށް ވާން ޖެހޭނެ އެވެ.

މިނިވަން މަސައްކަތްތެރިންގެ މައިގަނޑު މަސައްކަތްތަކަކީ އެ ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫއުތަކުގައި ކުރަން ޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުން ކަމަށް އެކުންފުނިން ބުންޏެވެ. އަދި މަސައްކަތް ކުރާ ކޮންމެ ދުވަހަކު 100 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އެލަވަންސެއް ދޭނެ ކަމަށާއި ކޮއްތު ފައިސާގެ ގޮތުގައި ދުވާލަކު 175 ރުފިޔާ ދޭނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ވަޒީފާ ގެއްލިފައި ތިބި އެތައް ދިވެހިންނެއް މިހާރު މާލޭގައި އެބަތިބި ކަމަށާއި މިއީ އެމީހުންނަށް އާމްދަނީއެއް ލިބޭނެ މަގެއް ފަހި ކުރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި މި ވަޒީފާއަކީ ކުންފުނިތަކަށް ހާއްސަކޮށްގެން ހުޅުވާލި ފުރުސަތެއް ނޫން ކަމަށާއި މިއީ ވަކި ވަކި ފަރުދުންނަށް ހާއްސަކޮށް ދިވެހިންނަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.

އޮފިޝަލު ވިދާޅުވީ މިކަމަށް ކުރިމަތިލައިގެން ހޮވޭ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާނެ ކަމަށާއި އަދި މަސައްކަތް ރަނގަޅު ފަރާތްތަކަށް އިތުރު މަޝްރޫއުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ މިކަމަށް ވީހާވެސް ގިނަ ދިވެހިން ކުރިމަތިލުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރުމަށްފަހު މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.