ރައީސް ޔާމީން

ވޯޓުގެ ނަތީޖާ ގަބޫލުނުކުރައްވާ މޭރުމަކުން ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

1

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ފަދަ މޭރުމަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ.

އޮޅިވާލި ވޯޓުގެ ނަމުގައި ޕީޕީއެމްގެ ސަޕޯޓަރުން އެ ޕާޓީގެ އޮފީސް ކުރިމަތީގައި ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ދިނީ 96000 ވޯޓު އެކަނި ކަމަށް ގަބޫލުކުރަން ދަތި ކަމަށާއި އެއަށް ވުރެ ގިނަ ވޯޓު އެމަނިކުފާނަށް ލިބިވަޑައިގެންނެވި ކަމަށެވެ.

"އެހެންވީމަ މިހާރު އެބަ ގަބޫލުކުރެވޭ، މިހާރު ގަބޫލުކުރަން ފަސޭހަ އެބަވޭ، ހަގީގަތުގައި ރައްޔިތުން ރައީސް ޔާމީނަށް ދިނީކީ 96000 ވޯޓެއް ނޫން. އެއަށްވުރެ ގިނަ ވޯޓު އަޅުގަނޑަށް ލިބުނު،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރު ލީކުވެފައިވާ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްގެ އޯޑިއޯގައި ދެކެވިފައިވާ ވާހަކަތަކަށް ބެލުމަށްފަހު އިންތިޚާބަށް ނުފޫޒު ފޯރާފައިހުރި ކަމަށް ހުރިހާ ރައްޔިތުން ގަބޫލުކުރާނެ ކަމަށާއި އެއީ ހަމައެކަނި އެމަނިކުފާނު ވިދާޅުވާ ވާހަކައެއް ނޫން ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ނުކުރައްވާ ފަދަ މޭރުމަކުން ރައީސް ޔާމީން މިރޭ ވާހަކަފުޅު ދެއްކެވިނަމަވެސް، މިދިޔަ މަހުގެ 24 ވަނަ ދުވަހު ގައުމާ މުޚާތަބުކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ރައްޔިތުންގެ އަޑު އިއްވައިފި ކަމަށާއި އެކަން ބަލައިގަންނަ ކަމަށެވެ.

އެމަނިކުފާނު އިޚްލާސްތެރިކަމާއެކު މަސައްކަތްތަކެއް ކުރިނަމަވެސް އެމަނިކުފާނުގެ ޚިދުމަތާމެދު ރައްޔިތުން މިވަނީ ގޮތެއް ނިންމާފައި ކަމަށް ރައީސް ޔާމީން ވަނީ ކުރިން ވިދާޅުވެފައެވެ.

ނޮވެމްބަރު 17 އާ ހަމައަށް ރައްޔިތުންނަށް ޚިދުމަތްކޮށް ދެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި އެހެން ޒައާމަތަކަށް ބަދަލުވާއިރު، އެއްވެސް ކަހަލަ ފުށުއަރާ ކަމެއް އެއްވެސް ބަޔަކު ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟