ޔޫއޭއީގެ ޝެއިހް ޒައިދް ގްރޭންޑް މިސްކިތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޒިޔާރަތް ކުރައްވައިފި އެވެ.
ޔޫއޭއީގެ ޝެއިހް ޒައިދް ގްރޭންޑް މިސްކިތަކީ މުޅި ދުނިޔެއިންވެސް ތިންވަނައަށް އެންމެ ބޮޑު މިސްކިތެވެ. 1996ގައި މި މިސްކިތުގެ މަސައްކަތް ފަށާފައިވާއިރު މި މިސްކިތަކީ އެއްފަހަރާ 41،000 މީހުންނަށް ނަމާދު ކުރުމުގެ ޖާގަ އޮންނަ މިސްކިތެކެވެ. 11 އަހަރުގެ މުއްދަތަކަށް ފަހު 2007ގައި މި މިސްކިތް ހުޅުވުނު އިރު މިސްކިތް ބިނާކުރުމުގައި 3000އަށް ވުރެ ގިނަ މަސައްކަތްތެރިން ހަރަކާތްތެރިވެފައިވެ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިސްކިތް ބިނާ ކުރުމަށް ބޭނުންވާ ތަކެތި ގެނެސްގެން ބިނާކޮށްފައިވާ މި މިސްކިތަކީ ޔޫއޭއީގައިވާ އެންމެ ބޮޑު މިސްކިތެވެ.
މި މިސްކިތަށް ރައީސް ސޯލިހު ޒިޔާރަތް ކުރައްވާފައިވަނީ އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.