ޚަބަރު

މަޖިލީހަށް ލަތީފް އިސްލާހު ހުށަހެޅީ އެއްވެސް މަޝްވަރާކުރުމެއް ނެތި: އަބްދުﷲ ރިޔާޒް

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު، މަޖިލީހަށް އިސްލާހެއް ހުށަހެޅުއްވީ އެއްވެސް މަޝްވަރާކުރުމެއް ނެތި ކަމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް ޓުވީޓަކުން މިހެން ވިދާޅުވެފައިވަނީ ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތި ނުލެވޭ އިސްލާހެއް ލަތީފް ހުށަހެޅުއްވުމާ ގުޅިގެންނެވެ. މިގޮތުން ރިޔާޒް ވިދާޅުވިގޮތުގައި މި އިސްލާހަކީ ޖޮއިންޓް ޕާލިމަންޓް ގްރޫޕް އަދި ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕުގެ ވެސް މަޝްވަރައަކާ ނުލައި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

މިއަހަރުގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލުމަށް ނިންމަވާފައިވާ އިރު، ކުރީގެ ރައީސް ޔާމިން ވަނީ މަޖިލީހަށް ކުރިމަތިލުމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ.