ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހާސިލްކުރެއްވި ދިހަ ފަރާތުގެ ތެރެއިން ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުހައްމަދު ސޯލިހު އެވޯޑް ދެއްވައިފި އެވެ.
އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް 2019ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށްދިޔަ މި އެވޯޑް ހަފްލާ ބޭއްވުން މިއީ 11 ވަނަ ފަހަރެވެ.
އަބޫދާބީގެ ނެޝަނަލް އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ޔޫއޭއީގެ ނައިބު ރައީސް ހިޒް ހައިނެސް ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމާއި އަބޫދާބީގެ ވަލީ އަހުދު އަދި ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް، ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން ބައިވެރިވެވަޑައިގަތެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅަކީ ވަލީ އަހުދު ހިޒް ހައިނެސް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ.
އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގެ ނަމުގައި ހިންގާ މި ހަރަކާތަކީ ކޮންމެ އަހަރަކު މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް އެއްވުމެވެ.