ހުޅުމާލޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެން ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓު ހިނގީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ނިރޮޅުމަގާ ދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ހޮޅިދަނޑިއެއްގައި ޖެހި ކޮންޓްރޯލް ނުވެގެން ގޮސް ޕާކް ކޮށްފައި އޮތް ކާރެއްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 12:38 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާއިރު، ދެ ކާރަށްވެސް ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ކާރު ދުއްވަން އިނީ 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާއަކީ ކާރު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.