ޚަބަރު

ޑެޕިއުޓީ މިނިސްޓަރު މުހުސިން އެއެމްއެމްސީގައި ހުރިއިރު ނެގި ލިވިން އެލަވަންސް ފައިސާ ދައްކަން ހުކުމްކޮށްފި

އިބްރާހިމް ޒަކީ

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުގެ ޑިޕިއުޓީ މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު މުހުސިން މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރަކަށް ހުންނެވިއިރު، ލިވިން އެލަވަންސްގެ ގޮތުގައި ނަގާފައިވާ ފައިސާ ދައުލަތަށް އަނބުރާ ދެއްކުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ މެންބަރެއްގެ ގޮތުގައި މުހުސިން ހުންނެވިއިރު، 2011 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް މަހަކު 7،500 ރުފިޔާގެ މަގުން ނުވަމަސްދުވަހަށްވާ މަސްދުވަހަށްވާ 67،500 ރުފިޔާ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތު ގަވާއިދާ ހިލާފަށް ލިވިން އެލަވަންސްގެ ގޮތުގައި ނަގާފައިވާ މައްސަލައެކެވެ.

މި މައްސަލައާ ގުޅިގެން އެ ފައިސާއަކީ މުހުސިން އަތުން ދިވެހި ދައުލަތަށް އަނބުރާ ލިބެންވާ ފައިސާއެއް ކަމަށް ބުނެ، މި ފައިސާ މުހުސިން އަތުން ހޯދުމަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން މުހުސިންގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި، ކޮންމެ މަހަކަށް ޖެހޭ މިންވަރު އެމަހަކު ދައްކަމުން ގޮސް ދެ މަސްދުވަހުގެ ތެރޭގައި އެ ފައިސާ އެ ކޯޓަށް ދައްކައި ހަލާސްކުރުމަށް ސިވިލްކޯޓުން މުހުސިންގެ މައްޗަށް ހުކުމް ކުރިއެވެ. ނަމަވެސް އެ ހުކުމާ ގުޅިގެން މުހުސިންގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން އެ މައްސަލަ ބަލައި މިއަދު ކުރި ހުކުމްގައި ވަނީ، މައްސަލަ ބެލުމުން އިސްތިއުނާފު ކުރި ފަރާތް ކަމަށްވާ މުހުސިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ހުކުމްކުރާ ކަމަށެވެ.