އިދިކޮޅު ޕާޓީތައް ހިމޭނުން ތިބެނީ ވޯޓު އޮޅުވާލުމުގައި އެމީހުންގެ އަތެއް ވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އޮޅުވާލި ވޯޓުގެ ނަމުގައި ޕީޕީއެމް އިން މިރޭ ބޭއްވި މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ލީޑަރުން ކަން ހިނގިގޮތް އެ ކޮމިޝަނުން ސާފުކުރަންޖެހޭ ކަމަށެވެ. ނަމަވެސް އެކަންނުކޮށް އިދިކޮޅު ލީޑަރުން ހިމޭނުން ތިބެންޏާ އޭގެ މާނައަކީ ވޯޓު އޮޅުވާލުމުގެ ކަންތަކުގައި އެބޭފުޅުންގެ އަތެއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
"އެހެންވީމަ އަޅުގަނޑު ވަރަށް ދެރަވޭ ދިވެހިރާއްޖޭގެ ކަންކަން މިހެން ދާތީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެންގެ މައުސޫމުކަން ނިގުޅިގެން މިދަނީ ވިޔާނުދާ އަމަލެއް ހިނގައިގެން ކަމަށްވަންޏާ" އެކަމުގައި ޖަވާބުދާރީވާންޖެހޭ ބަޔަކު ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ. ހަމައެހެންމެ ޖަވާބުދާރީ ކުރުވަންޖެހޭ ބަޔަކު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި މިއަދު ޕީޕީއެމް އިން އެފަދަ މީހުން ޖަވާބުދާރީ ކުރުވަން މިއުޅެނީ އެ ޕާޓީއަށް ގެއްލުން ލިބިފައިވާތީއެވެ.
"އަޅުގަނޑު މިދަންނަވާ ވާހަކައަކީ އިންތިޚާބެއް ރޭވިގެން ނަތީޖާއާ ހަމައަށް އައިއިރު، ޖަވާބުދާރީވާން، ޖަވާބުދޭން އުނދަގޫ ކަންތައްތަކެއް އެބަހުއްޓޭ. އެހެންވީމަ އެކަންތައްތަކުގެ ހަގީގަތް ހޯދަން ބޭނުންވާނެ އަޅުގަނޑުމެންގެ ހުރިހާ ރައްޔިތުން. ޚާއްސަކޮށް ޕީޕީއެމް އާއި އަޅުގަނޑުމެންނަށް ތާއީދު ކުރާ ހުރިހާ ރައްޔިތުން ހަމަ ބޭނުންވާނެ ހަގީގަތް ހޯދަން،" ރައީސް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަކީ އިންސާފަށް ލޯބިކުރާ ބައެއް ކަމަށާއި ކޮންމެ ކަމެއްގައިވެސް އިންސާފުވެރިވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަމުދުން ބޮޑެތި އަމާނާތް އެކަމުގެ ތެރޭގައި ހިމެނޭ ކަންކަމުގައި، ރައްޔިތުންގެ އެތަކެއް ހައްގުތަކެއް މަހުރޫމްވެގެންދާ ކަންކަމުގެ ތެރޭގައި އިންސާފު ނެތިއްޖެކަމަށް ވަންޏާ ރައްޔިތުން ރައްޔިތުންގެ ޝުއޫރު، ރައްޔިތުންގެ ދެކޮޅުވެރިކަން، ރައްޔިތުންގެ ހިތުގެ ނުތަނަވަސްކަން މިދެންނެވި ކަހަލަ ގޮތްގޮތަށް ހުށަހަޅަމުން ގެންދާނެ،" ރައީސް ވިދާޅުވިއެވެ.