ޔުނައިޓެޑް އަރަބް އެމިރޭޓްސް، (ޔޫއޭއީ) އާއި ރާއްޖެއާ ދެމެދު ޖޮއިންޓް ކޯޕްރޭޝަން ކޮމިޓީއެއް އުފައްދަން ސޮއިކޮށްފި އެވެ.
މިއަދު މެންދުރު އަބޫދާބީގެ އަބޫދާބީ ނެޝަނަލް އެގްޒިބިޝަން ސެންޓަރު ގައި ބޭއްވި ރަސްމިއްޔާތެއްގައި، ޖޮއިންޓް ކޯޕްރޭޝަން ކޮމިޓީއެއް އުފައްދުމާބެހޭ އެއްބަސް ވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. ޔޫއޭއީ ގެ ފަރާތުން ސޮއިކުރެއްވީ ޔޫއޭއީ ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް އިންޓަނޭޝަނަލް ކޯޕަރޭޝަން، ހިޒް ހައިނަސް ޝައިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އެވެ.
މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ގައި މިހާރު ޔޫއޭއީއަށް ވަޑައިގެން އުޅުއްވާ، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
ރައީސް ސޯލިހު ޔޫއޭއީއަށް ވަޑައިގެން ހުންނެވީ މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑްސް" އަދި "އިނޯގްރޭޝަން އޮފް ދަ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް" ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ޔޫއޭއީގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ އޮފް އާމްޑް ފޯސަސް ދެއްވި ދައުވަތަކަށެވެ.