މަސާޖިން، ސްޓީމިން، ކްލެންސިން އަދި ކޮންޑިޝަނިން ހިމެނޭ ހެއަރ ސްޕާ ޓްރީޓްމަންޓަކީ އިސްތަށިގަނޑަށް ދެވޭނެ އެންމެ ރަނގަޅު ފަރުވާއެވެ. އެއީ ޕޮލިއުޝަންތަކާއި، އަވިން އިސްތަށިގަނޑު ހަލާކުވުމުން ރައްކާކޮށްދޭ ކަމެކެވެ. ސެލޫން ނުވަތަ ސްޕާ އަށް ގޮސްގެން ހެއަރ ސްޕާ ޓްރީޓްމަންޓެއް މަދުވެގެން މަހަކު އެއްފަހަރު ނެގުމަކީ އިސްތަށިގަނޑު ރީތިކޮށް ބެހެއްޓުމަށް ޓަކައި މުހިއްމު ކަމެކެވެ. ނަމަވެސް މިއީ ހަރަދު ހިނގާނެ ކަމެއްކަމުން، ގޭގައި އަމިއްލަ އަށް ހެއަރ ސްޕާ ޓްރީޓްމަންޓެއް ނަގައިލެވިދާނެ ގޮތް މި އާޓިކަލުގައި ބުނެދޭނަމެވެ.
އޮއިލް މަސާޖް
ތެޔޮ ހޫނު ކުރުމަށްފަހު ބޮލުގައި ހޭކުމަށްފަހު މަސާޖްކޮށްލާށެވެ. މިގޮތަށް މަސާޖް ކުރާއިރު އިސްތަށިގަނޑުގެ ކޮޅަށް ވުރެ ބޮޑަށް ބޮލުގެ ތަލައިގައި މަސާޖްކުރެވޭތޯ ބަލާށެވެ.
ހޮޓް ޓަވަލް ޓްރީޓްމަންޓް
ތުވާއްޔެއް ހޫނު ފެނުން ތެންމައިލުމަށްފަހު ބޮލުގައި އޮޅާލާށެވެ. މިގޮތަށް 10 ނުވަތަ 15 މިނިޓް މަޑުކޮށްލާށެވެ. މިއިން ޕޯރސްތައް ހުޅުވި އިސްތަށިގަނޑު ތެރެއަށް ތެޔޮ ވަންނާނެއެވެ.
ވޮޝިން
ދެން ވީ ބޯ ދޮންނާށެވެ. އާންމުކޮށް ބޭނުން ކުރާ ޝޭމްޕޫއިން ބޯ ދޮވެލާށެވެ. މިހާރު ހުންނާނީ ބޮލުގައި ހުރި ހުރިހާ ހަޑިއެއް ދޮވެވިފަ އެވެ.
ކޮންޑިޝަނިން
އިސްތަށިގަނޑު މޮއިސްޗަރައިޒްކޮށް ބޭއްވުމަށް ކުރަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ ކޮންޑިޝަން ކުރުމެވެ. ބޮލުގައި ރަނގަޅު ކޮންޑިޝަނެއް ހޭކުމަށްފަހު 15 ނުވަތަ 20 މިނިޓް ބަހައްޓާލާފައި ދޮވެލާށެވެ. މިހާރު އިސްތަށިގަނޑު ހުންނާނީ މަޑުވެ ޝައިނީ ވެފައެވެ.