ރިފާ ހަލީލު
"މޯލްޑިވްސް ޕޮލިސް ސާވިސް"ގެ ނަން "ދިވެހި ފުލުހުން"ގެ ހިދުމަތަށް ބަދަލުވާ ގޮތަށް އޮތް، ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މި ބިލަކީ، މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ. މި ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެ އެވެ.
މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހްތިރާމު ކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި، އަމަންއާންމާއި، ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހުތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެ އެވެ. އަދި ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި، ފުލުހުންގެ ހިދުމަތުގެ އަމާޒާއި، މަގްސަދާއި، މަސްއޫލިއްޔަތާއި، ހިދުމަތާއި، ބާރާއި އިހްތިޔާރުތައް ގާނޫނުއަސާސީއާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި، ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން މިބިލުމުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.
މި ބިލު ގާނޫނަކަށްވެ އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނު ގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް"، މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެ އެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"ކަމުގައި މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފަ އެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ގާނޫނު (2008/5) އުވޭނެ އެވެ.