ހާއްސަ އިނާމު 20 ބޭފުޅަކަށް އަދި ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް ހާއްސަ މެޑެލް ދެއްވައިފިއެވެ.
ހާއްސަ އިނާމާއި އެއްވަނަ ދަރަޖައިގައި ފާސްވި ހަތަރު ހާފިޒުންނަށް މެޑެލް ދެއްވާފައިވަނީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައެވެ. އެފަރާތްތަކަށް އިނާމުދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ހާއްސަ އިނާމު މިއަހަރު ހާސިލުކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ މިނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.
ކީރިތި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖަ ހާސިލުކުރާ ހާފިޒުންނަށް، ރައީސް ސޯލިހު ވަނީ މިއަހަރުން ފެށިގެން ހާއްސަ މެޑެލެއް ދޭގޮތަށް ނިންމަވައިފައެވެ. އެގޮތުން މިރޭގެ ޖަލްސާގައި ހަތަރު ހާފިޒަކަށް ވަނީ ހާއްސަ މެޑެލް ދެއްވައިފައެވެ.
މިރޭގެ ޖަލްސާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ކުރީގެ ރައީސް ބަދުރުއް ނަސީރާއި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއީލަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ވަނީ އަރުވައިފައެވެ.
މިރޭގެ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށްވެސް ވަނީ ދެއްވައިފައެވެ. އޭގެ ތެރެއިން ހަ ބޭފުޅުންނަކީ މީގެ ކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މީގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު މިއަހަރު 24 ބޭފުޅަކަށް ވަނީ ދެއްވައިފައެވެ.