ޚަބަރު

އުމުރުން 19 ދުވަހުގެ ތުއްތު ކުއްޖެއްގެ މަރުގެ މައްސަލަ ފުލުހުން ބަލަނީ

އިބްރާހިމް ޒަކީ

ހއ. އިހަވަންދޫގައި ތުއްތު ކުއްޖަކު މަރުވެގެން ހުށަހަޅާފައިވާ މައްސަލައެއް ބަލަމުންގެންދާކަަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ، އުމުރުން 19 ދުވަސްވީ ތުއްތު ކުއްޖެއްގެ މަރުގެ މައްސަލަ މިއަދު ހެނދުނު ހުށަހަޅައިފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މައްސަލައާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވި އެވެ.

ބައެއް މީޑީއާތަކުން ބުނެފައިވަނީ، އިހަވަންދޫގައި މައި މީހާގެ ގައި ދަށުވެގެން ތުއްތު ކުއްޖަކު މަރުވެފައިވާ ކަމަށެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ވަން އޮންލައިން"އަށް ވިދާޅުވީ، އެ ރަށުގައި މަރުވި ތުއްތު ކުއްޖަކު މިއަދު ވަޅުލާފައިވާ ކަމަށެވެ. އަދި އެ ކުއްޖާގެ މަރާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"މަރުވި ތުއްތު ކުއްޖަކު މިއަދު ވަޅުލައިފައި ވެއްޖެ. އެކަމާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅައިފައެއް ނެތް. އެ ތުއްތު ކުއްޖާ މަރުވުމުގައި ހާއްސަ ކަމެއްވެސް ނެތް. މަރު ފޯމުވެސް ފުރައިފަ އޮތީ އާދައިގެ މަރެއްގެ ގޮތުގައި،" ކައުންސިލް ރައީސް ވިދާޅުވި އެވެ.