އަލީ ޔާމިން
ބ. ފެހެންދޫ ބަންދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، ފެހެންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 62 އިންސައްތަ މަސައްކަތާއި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 40 އިންސައްތަ ނިންމާލައިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 18،500 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމާއި 25،000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމާއި 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު މޮބިލައިޒްކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ދިހަވަނަ ދުވަހުއެވެ.