ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިބޫ، ފާރިސްއާ ބައްދަލުކުރައްވައިފި

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫންއާ ބައްދަލުކުރައްވައިފިއެވެ.

ފާރިސްއާ މިއަދު އިބޫ ބައްދަލުކުރެއްވި ނަމަވެސް، އެ ބައްދަލުވުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ޖަލު ހުކުމެއްގައި ހުންނެވި ފާރިސް، ކަފާލާތުގެ ދަށުން މިނިވަންކުރުމަށް ހައިކޯޓުން ރޭ ވަނީ އަމުރުކޮށްފައެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސޮއިކުރައްވައި ރޭ ކުރި އަމުރުގައި ބުނެފައި ވަނީ ޝަޚްސު އޮޅުވާލުމުގެ ދައުވާގެ އިސްތިއުނާފު އަޑުއެހުން އިއްޔެ ބޭއްވި އިރު، ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް ފާރިސްގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ފާރިސަށް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރޭ އެވެ. ޝަޚްސު އޮޅުވާލުމުގެ ދައުވާ އޭނާގެ މައްޗަށް ކުރީ ޕީޕީއެމްގެ ހުއްދަނެތި އެ ޕާޓީގެ ދިދަ އާއި ލޯގޯ ބޭނުންކޮށްގެން، އެ ޕާޓީގެ ނަމުގައި ނިއުސް ކޮންފަރެންސެއް ދީފައިވާ ކަމަށް ބުނެއެވެ.

ފާރިސްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރޭ ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފައެވެ.