ޕީޕީއެމް، ކުރީގެ ރައީސް މައުމޫނަށް ލިބިވަޑައިގެންފި ނަމަ، ރައީސް ޔާމީނާ އެކު އެ ޕާޓީގައި އިސްކޮށް އުޅުއްވި ފަރާތްތައް، ޕާޓީގެ ދަރަންޏަށް ޒިންމާދާރު ކުރުވަން ކޯޓަށް ހުށަހަޅުއްވާނެ ކަމަށް، ޕީޕީއެމްގެ ކުރީގެ ނާއިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނާދިރާ ވިދާޅުވީ ޕީޕީއެމް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް ސުޕްރީމް ކޯޓުން ނިންމިޔަސް އަލުން އަނބުރައި އެ ޕާޓީއާ ގުޅިވަޑައިނުގަންނަވާނެ ކަމަށް، ޕީޕީއެމްގެ ނާއިބު ރައީސްކަމުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
އަލަށް އުފައްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރަސްގެ މުއައްސިސެއްގެ ގޮތުގަައި މިހާރު ހުންނެވި، އަބްދުއްރަހީމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން މާ ކުރިންވެސް އަބުދުއްރަހީމަށް ނޫނެކޭ ބުނެފައިވާ ކަމަށާއި، "ހަނދާން ކޮށްލަދޭނަން 2013 ގަ ބޭއްވި ގައުމީ ޖަލްސާގަ ނައިބު ރައީސް ކަމަށް ކުރިމަތިލީމަ އޭގެ ނަތީޖާގެ ވާހަކަ މިދައްކަނީ،" ނާދިރާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.
ދެހާސް ތޭރަވަނަ އަހަރުގެ ގައުމީ ޖަލްސާގައި ނައިބުރައީސް ކަމަށް ކުރިމަތި ލައްވައިގެން އަބްދުއްރަހީމް ވަނީ ފެއިލްވެ ވަޑައިގެންފަ އެވެ.
ސިޔާސީ ކަންކަމުގައި ރައީސް މައުމޫނުގެ އަރިހުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަަންނަވާ، ނާދިރާ ވިދާޅުވީ، ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ ދެ މެންބަރަކު ހުށަހެޅި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދުސްތޫރީ މައްސަލައިގައި، ޕީޕީއެމް ރައީސް މައުމޫނަށް ލިބޭގޮތަށް ނިމިއްޖެނަމަ، ޕާޓީގެ ދަރަންޏަށް ޒިންމާވާންޖެހޭ ފަރާތްތައް ހޯއްދަވާނެ ކަމަށެވެ.
ޕީޕީއެމް ހިންގެވުމުގައި އިސްކޮށް ހުންނަވައިގެން، ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން ކުރެއްވި މަސައްކަތް ޕުޅުގައި، ޕީޕީއެމް ވަނީ ވަރަށްބޮޑަށް ދަރަނިވެރި ވެފަ އެވެ.
ޕީޕީއެމްގެ ދަރަނީގެ ފުރިހަމަ އަދަދު އަދި ހާމަ ވެފައި ނުވި ނަމަވެސް، ކެމްޕޭންގައި ކުރި އެކި އެކި ދަތުރުތަކުގެ އަގުގެ ގޮތުގައި އެކަނި ވެސް މޯލްޑިވިއަނަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ބައެއް މީޑިޔާ ތަކުން ބުނެފައިވަނީ، ބިލްތަކުގެ އަދަދު ވިހި މިލިޔަނަށްވެސް އަރާ ކަމަށެވެ.