މަސްދޯންޏަކުން ކަނޑަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދީގެން އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 9:36 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި މިޔަރެއް ހަމަލާދީފައިވަނީ ޅ. ފާދޫ ބޮއި ކައިރީ މަސްވެރިކަން ކުރަން އުޅުނު "ޒިކުރާ" ނަމަކަށް ކިޔާ ދޯނީގައި ހުރި 40 އަހަރު ދިވެހި މަސްވެރިއަކަށް ކަމަށެވެ.
އޭނާ ކަނޑަށް ވެއްޓުނު ވަގުތު މިޔަރެއް ހިފުމުގެ ސަބަބުން އޭނާގެ ފައިގެ މައި ނާރަށް ވެސް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ހަމަލާގައި ޒަހަމްވި މަސްވެރިޔާއަށް އަވަސް ފަރުވާ ދިނުމަށް ނައިފަރަށް ގެންދިއުމަށް އެމްއެންޑީއެފް ނޮދާން އޭރިއާ ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.