އިބްރާހިމް ޒަކީ
ރައްޔިތުުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޖުމްހޫރީ ޕާޓީން ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ރޭ ބޭއްވި، ޖުމްހޫރީ ޕާޓީގެ 126 ވަނަ ކައުންސިލް ބައްދަލުވުމުގައި މިކަމަށް ކަނޑައެޅި ފަސް މެންބަރުންގެ ކޮމިޓީގެ ރައީސެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ޕާޓީގެވެސް ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. ނައިބު ރައީސަކަށް ހަނަޖައްސާފައި ވަނީ ޕާޓީ ކައުންސިލް މެންބަރު އަހުމަދު އުމަރެވެ.
ޖުމްހޫރީ ޕާޓީގެ މީޑިއާ ކޯޑިނޭޓަރ އަލީ ސޯލިހް ވިދާޅުވީ، މި ކޮމިޓީން ކުރިއަށް ގެންދާނީ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވުމަށް ކުރަންޖެހޭ ކަންތައްތައް ކަމަށެވެ. އެގޮތުން މަޖިލީހުގެ އިންތިހާބަށް ޝައުގުވެރިވެގެން ފޯމު ހުށަހަޅާ ފަރާތްތަކުގެ ފޯމު އިވެލުވޭޓްކުރުމާއި، އިންތިހާބަށް ކުރިމަތިލާ ފަރާތްތައް ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮމިޓީން ކުނާނެ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހުރިމަތިލާނެ ވަކި ދާއިރާތަކެއް ޖުމްހޫރީ ޕާޓީން މިހާތަނަށް ކަނޑައަޅާފައެއް ނުވެ އެވެ.
އެ ޕާޓީން ބުނެފައިވަނީ ކުރިމަތިލާނެ ދާއިރާތަކެއް ކަނޑައަޅާނީ، މަޖިލީހުގެ އިންތިހާބަށް ޝައުގުވެރިވާ ފަރާތްތަކުން ހުށަހަޅާ ދާއިރާތައް ބެލުމަށް ފަހުގައި ކަމަށެވެ.
އަލީ ސޯލިހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީން މެންބަރުންނަށް ހުޅުވާލާފައިވާ ކަމަށާއި، މިމަހު ފަންސަވީހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ފުރުސަތުގައި ހުށަހަޅާ ހުރިހާ ފޯމުތަކެއްގެ މަސައްކަތް އިންތިޚާބާބެހޭ ވަގުތީ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ.