ޚަބަރު

މަތީ ތައުލީމު ވެފައި މިވަނީ ސުޕަ މާކެޓަކަށް، ބައެއް މީހުން އަގު ޖަހާފައި ޑިގްރީ ހިފައިގެންދޭ: އިބުރާ

6

މިއަދު މަތީ ތައުލީމު ވެފައިވަނީ ސުޕަ މާކެޓަކަށް ކަމަށާއި އަގުޖަހާފައި ޑިގްރީ ހިފައިގެންދިއުމުގެ ކަންތައްތައް އަދިވެސް ހިނގާ ކަމަށް މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ އުންމީދަކީ ސަރުކާރަށް އައި ބަދަލާއި ސިޔާސަތަށް ގެންނަ ބަދަލުތަކުގެ ތެރޭގައި އެކަންކަމަށް ހައްލު ލިބިގެންދިއުން ކަމަށެވެ.

"މިއަދު މަތީ ތައުލީމު ވެފައި މިއޮތީ ސުޕަ މާކެޓަކަށް. ސުޕަ މާކެޓުތަކަށް ގޮސްފައި ނޫންތޯ އަޅުގަނޑުމެން ވަދެފައި ޝެލްފު ބަލައިލާފައި މީތި، މީތި، މީތި ކިޔާފައި ވަށިގަނޑަށް ލައިގެން ގޮސް، ކައުންޓަރަށް ފައިސާ ދީފައި އެ ހިފައިގެން މިދަނީ. އަހަރެން ބޭނުންވަނީ މިވެނި ޑިގްރީއެއް، ކިހާވަރެއް، އެއަށް އަގު ޖަހާފައި ޑިގްރީ ހިފައިގެން ދަނީ. ހަގީގަތަކީ މިއީ،" އޭނާ ވިދާޅުވިއެވެ.

އިބްރާ ވިދާޅުވީ މަރުކަޒުތަކަށް ކިޔަވަން ނުގޮސް ސަނަދު ހިފައިގެން ތިބި މީހުން އެބަ ތިބި ކަމަށާއި އެކަންކަން ހައްލުނުކޮށް މި ގައުމަށް ދުރު މުސްތަގުބަލެއްގައި ރަނގަޅު ހިސާބަކަށް ދެވިދާނެ ކަމަކަށް ނުބެއްލެވޭ ކަމަށެވެ. އަދި ނޫހަކަށް ދެއްވި އިންޓިވިއުއެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށް އެކަންކަން ހިނގާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުން އެކަމާ އިބްރާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑު އިހަށްދުވަހު ދުށިން ނޫހެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ އިންޓަވިއުއެއްގައި މި ސުވާލު ކުރީމާ މިނިސްޓަރު ވިދާޅުވަނީ އެކަން އެގޮތަށް ހިނގާނެ ކަމަށް ގަބޫލުކުރައްވަން ދަތިފުޅޭ، އެހެން ހިނގާކަމަށްވަންޏާ ވަރަށް ދެރަ ކަމެކޭ، އެނގިވަޑައެއް ނުގަންނަވައޭ އެކަން ހިނގާކަމެއް. އެއީ އަޅުގަނޑުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. ހަޔަރ އެޑިއުކޭޝަން މިނިސްޓަރަށް އެކަން އެނގިވަޑައިނުގަންނަވާ ކަމަށްވަންޏާ މިނިސްޓްރީގައި ތިއްބެވި ބޭފުޅުން އެބަ ޖެހޭ އެވާހަކަ ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ)އަށް އަލަށް އައްޔަންކުރެއްވި ސީއީއޯ ޑރ. އަބްދުލް ހަންނާން ދެއްވި އިންޓިވިއުއެއްގައި އެހެން ހުރި މައްސަލަތަކަށް މާ ބޮޑު ހަރުކަށި ފިޔަވަޅުތަކެއް އަޅާކަށް ގަސްދެއް ނުކުރައްވަމޭ ވިދާޅުވުމުން އެކަމާ ވެސް އިބްރާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ދެން މިއާ ގުޅޭ އަނެއް ކަމަކީ އިހަށްރޭ އަޅުގަނޑު ދުށިން ނޫހެއްގައި އެމްކިޔުއޭއަށް އަލަށް އައްޔަންކުރެއްވި ސީއީއޯ ދެއްވި އިންޓުވިއުއެއްގައި އެމަނިކުފާނު ވިދާޅުވެފައި އެބައޮވޭ ދެން އެހެން ހުރި މައްސަލަތަކަށް މާ ބޮޑު ހަރުކަށި ފިޔަވަޅުތަކެއް އަޅާކަށް ގަސްދެއް ނުކުރައްވަމޭ، ވާހަކަދައްކައިގެން ހައްލުކުރައްވަންށޭ ބޭނުންފުޅުވަނީ. އަޅުގަނޑުމެން މިއުޅެނީކީ ބަސްނާހާ ދަރިއަކު މަސަލަސްކުރާކަށް ނޫން. އަޅުގަނޑު މި ދައްކަނީ ގައުމެއްގެ ތައުލީމީ ނިޒާމު ފުނޑުފުނޑުވަމުންދާ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

އިބުރާ އިތުރަށް ވިދާޅުވީ ރައްޔިތުން ނުކުމެ، ބޯވާރޭގައި ތިބެގެން ވޯޓުލައިގެން ސަރުކާރު ބަދަލުކުރީ މިހެން ހުރި ބައިވަރު ކަންތައްތަކެއް މިގައުމުގައި ރަނގަޅުކުރުމުގެ އުންމީދުގައި ކަމަށާއި މިއަދުން މިއަދަށް އެކަންކަން ހައްލުނުވެ ހުރެގެންނެއް ކަންބޮޑުވުމެއް ނެތް ކަމަށެވެ. ނަމަވެސް ކަންބޮޑުވަނީ އެކަންކަން ކުރަން ހަވާލުވެ ތިއްބެވި ބޭފުޅުންގެ ވާހަކަތަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ކަންބޮޑުވަނީ އެކަންކަން ކުރަން ހަވާލުވެ ތިބި މީހުން މިދަންނަވާ ކަހަލަ ކަންކަން ގޯސްކޮށް ހުރިކަން ނޭނގޭ ކަމާއި ހުރިކަން އެނގޭ އިރުގައި ވެސް އެއަށް ފިޔަވަޅުއަޅަން ބޭނުންނުވާ ވާހަކަ ބުނާތީ. ދެން ކިހިނެއްތޯ ރަނގަޅުކުރާނީ ކިތަންމެ ދުވަހެއް ނަގައިގެން ވެސް. އެހެންވީމާ މި ރާއްޖޭގައި ހުރިހާ ކަމެއްގެ ވެސް މުގުލުގައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގާނޫނު އޮވެ، ގަވާއިދު އޮވެ، އެއާ ހިލާފުވާ މީހުންނާ ދޭތެރޭގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް ފިޔަވަޅު ނޭޅުން،" އޭނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟